20 Feb 2013, 13:25
ދިހަވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބޮޑީ ބިލްޑަރުންގެ ނަންތައް ރޭ އިއުލާން ކޮށްފި އެވެ.
ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް މިފަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޕާކިސްތާންގެ ލާހޫރުގައެވެ. އެގޮތުން އެމުބާރާތް ކުރިއަށްދާނީ އަންނަ މޭމަހުގެ 1 އިން 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ހަތަރު ކެޓަގަރީން ފަސް ބޮޑީ ބިލްޑަރުންނެވެ.
ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް)ގެ ނައިބު ރައީސް އިބްރާހިމް ހަމީދު ވިދާޅުވީ، މުބާރާތުގައި ވާދަކުރާ ފަސް ބިލްޑަރުންނަކީ 55 ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލީ މޫސާ އާއި 60 ކެޓަގަރީގައި ވާދަކުރާ އިބްރާހިމް ޝާނީޒް އާއި 65ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ކަސްޓަމް ސާވިސްގެ އާދިލް މުހައްމަދާއި ހަމަ އެކެޓަގަރީން ވަދަކުރާ އަލީ ޝަރީފް އަދި 70 ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލި މަނިކެވެ.
ހަމީދު ވިދާޅުވީ، މުބާރާތުގައި 65 ގެ ކެޓަގަރީން ދެ ބިލްޑަރުން ވާދަކުރަން ނިންމީ އެކެޓަގަރީން ރަނގަޅު ވަނައެއް ރާއްޖެއަށް ލިބޭނެ ކަމުގެ އުންމީދު އޮތުމުން ކަމަށާއި އެހެން ކަމުން މިފަހަރުގެ މުބާރާތަށް ދިއުމުގެ ކުރިން ރާއްޖޭގެ ބިލްޑަރުންގެ ފަރިތަކުރުންތައް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ޕާކިސްތާނުގައި މިފަހަރުގެ މުބާރާތް ބާއްވާން ނިންމިއިރު، ކުރިން ހަމަޖެހިފައި އޮތީ އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށެވެ. އެކަމަކު ރާއްޖޭގައި އެ މުބާރާތް ނުބާއްވާ ގޮތަށް ނިންމީ ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނަށް ރާއްޖޭގައި މުބާރާތް ބާއްވާ ކަމަށްވާ ނަމަ 10000 ޑޮލަރު (154،200 ރުފިޔާ) ދައްކާންޖެހޭތީވެ، އެވަރަށް ރާއްޖޭގެ ބޮޑީބިލްޑިން ފެޑަރޭޝަންގައި ފައިސާ ނެތުމުންނެވެ.
ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ އިތުރުން، މި އަހަރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މުބާރާތަކީ 14 ވަނަ ގައުމީ ބޮޑީ ބިލްޑިން މުބާރާތެވެ. އެގޮތުން އެ މުބާރާތް މިހާރު ބާއްވާން ބޮޑީ ބިލްޑު އެސޯސިއޭޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 28 އިން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.