ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ދެވަނަ ފަހަރަށް ނެރުނު އަމުރު އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގެންފައިނުވާ ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ނަޝީދު ފަރާތުން މިއަދު އިސްތިއުފާނަށް ހުށަހެޅި ނަމަވެސް ކޯޓުން އެ މައްސަލަ ބަލައިގެންފައިނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތް ސަބަބެއް ސީދާ އޭނާ ވިދާޅެއް ނުވެ އެވެ.

ރައީސް ނަޝީދުގެ ފަރާތުން މިއަދު ހައިކޯޓަށް އެ މައްސަލަަ އިސްތިއުނާފަށް ހުށަހެޅި އިރު އެ މައްސަލާގައި މިމަހުގެ 13 ވަނަ ދުވަހު ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރު ވެސް ވަނީ ހައިކޯޓަށް ހުށަހަޅައިފަ އެވެ. އެމައްސަލަ އެދުވަހު ޝެޑިއުލްކުރި ނަމަވެސް ނަޝީދު އިންޑިއަން ހައިކޮމިޝަންގައި ހުންނެވުމުގެ ސަބަބުން ނަޝީދާ ޗިޓް ހަވާލުނުކުރެވިގެން އެ ދުވަހުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ. މިއަދު ވެސް ވަނީ އެ މައްސަލާގެ ޝަރީއަތް ބޭއްވުމަށް ޝެޑިއުލްކޮށްފަ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރާ ދައުވާއާ ގުޅިގެން މިއަދު ހަވީރު 4:00ގައި ބޭއްވުމަށް ހުޅުމާލޭ ކޯޓުން ޝެޑިއުލްކޮށްފައިވާ އެ މައްސަލާގެ ޝަރީއަތަށް ނަޝީދު ހާޒިރުކޮށްދިނުމަށް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އަދި ކޯޓުގެ އެއަމުރު ތަންފީޒު ކުރުމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް ރާއްޖޭގެ ހާރިޒިއްޔާ އިން ވަނީ އިންޑިއަން ހައިކޮމިޝަންގައި ވެސް އެދިފަ އެވެ. ނަމަވެސް އެކަމަށް އިންޑިއަން ހައިކޮމިޝަނުން ވަކި ޖަވާބެއް އަދި މިހާތަނަށް ދީފައެއް ނުވެ އެވެ.

އެމައްސަލާގައި މިއަދު އޮންނަ ޝަރީއަތުގެ މަޖިލީހަށް ރައީސް ނަޝީދު ވަޑައިނުގެންނަވާނެ ކަމަށް އެމްޑީޕީން ވެސް ވަނީ ބުނެފަ އެވެ.