ރިޔާޟް (ފެބްރުއަރީ20): ސަޢޫދީ އަރަބިޔާގައި އުފައްދާފައިވާ ޝޫރާމަޖިލީހުގައި ހިމެނޭ އަންހެން މެންބަރުން، އެގައުމުގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒުގެ ކުރިފުޅުމަތީގައި މަޤާމުގެ ޤާނޫނީ ހުވާކުރައްވައިފި އެވެ.

ހުވާކުރެއްވި އަންހެން މެންބަރުންނާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ޢަބްދުﷲ ރަސްގެފާނު ވިދާޅުވީ އެކަނބަލުން ޝޫރާ މަޖިލީހުގައި ހިމަނާފައި ވަނީ ތަޝްރީފެއްގެ ގޮތުގައި ނޫން ކަމަށާ ތަކްލީފެއްގެ ގޮތުގައި ކަމުގަ އެވެ. ސައޫދީ މުޖްތަމައަށް ކުރިޔަށްދެވޭނީ އަންހެނުން ވެސް ހިމެނޭ ގޮތަށް ދައުލަތުގެ ކަންކަމުގައި މުޖްތަމަޢުގެ ހުރިހާ ފަރާތްތަކެއް ވެސް ބައިވެރިވެގެން ކަމަށް ޢަބްދުﷲ ވިދާޅުވި އެވެ. ޝޫރާ މަޖިލީހުގައި ހިމެނޭ 30 އަންހެން މެންބަރުން މަޤާމުގެ ހުވާކުރެއްވީ ރިޔާޟްގައި ހުންނަ ޢަބްދުﷲ ރަސްގެފާނުގެ ގަނޑުވަރެއްގަ އެވެ. ޝޫރާ މަޖިލީހުގެ މެންބަރުންގެ ޖުމްލަ ޢަދަދަކީ 150 އެވެ.

ސައޫދީ ޝޫރާ މަޖިލީހަކީ އިންތިޚާބުކުރެވޭ މަޖިލީހެއްނޫނެވެ. މިއީ ޢަބްދުﷲ ރަސްގެފާނު މެންބަރުން ޢައްޔަން ކުރައްވާ މަޝްވަރާ މަޖިލީހެކެވެ. ޝޫރާ މަޖިލީހުގައި ކުރިން ތިބެނީ މުޅިން ވެސް ފިރިހެން މެންބަރުންނެވެ. އެމަޖިލީހުގައި 20 އިންސައްތަ އަންހެނުން ހިމެނޭގޮތަށް އަލުންއެކުލާވުމުގެ ޝާހީ އަމުރެއް ރަސްގެފާނު ޢަބްދުﷲ ބިންޢަބްދުލްޢަޒީޒު ނެރުއްވާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު އެވެ. މިއަމުރު ބުނާގޮތުން ޝޫރާ މަޖިލީހުގެ ވާޖިބުތަކާއިމަސްއޫލިއްޔަތުތައް އަދާކުރުމުގައި އަންހެން މެންބަރުންނާއި ފިރިހެންމެންބަރުން ތަފާތު ނުވާނެ އެވެ. އަދި ހަމަހަމަ ޙައްގުތަކެއް ދެ ޖިންސުގެ މެންބަރުންނަށް ވެސް ލިބިގެންވާ ކަމަށް އޭގައި ބުނެފައިވެ އެވެ. މި އަމުރަށް ފަހު ޢަބްދުﷲ ވަނީ 30 އަންހެނުން ޝޫރާ މަޖިލީހަށް އައްޔަން ކުރައްވާފަ އެވެ.

ޢަބްދުﷲ ރަސްގެފާނުގެ މިފިޔަވަޅަކީ ސަޢޫދީ މުޖްތަމަޢުގައި ޒަމާނުއްސުރެ އޮންނަ އަންހެނުން އެކަހެރިކުރުމާއި އެމީހުން ސިޔާސަތާއި ތަރައްގީ އާއި ގައުމު ހިންގުމުގެކަންތައްތަކުގައި ބައިވެރި ނުކުރުމުގެ ބޯދާ ސަގާފަތު ބަދަލުކުރުމަށް އޭނާ ގެންގުޅުއްވަން ފައްޓަވާފައިވާ އާ ސިޔާސަތުގެ ދަށުންއެޅުއްވި ފިޔަވަޅެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެ އެވެ. ސަޢޫދީ އަންހެނުންގެ ބަޔަކު މީގެކުރިން ރަސްގެފާނުގެ ކުރިފުޅުމަތީގައި މިގޮތަށް ހުވާކޮށްފައެއްނުވެ އެވެ. އެހެންކަމުން ރަސްގެފާނުގެ މިފިޔަވަޅުގެ ސަބަބުން ސަޢޫދީ އަރަބިޔާގެ ކޮންޒަވެޓިވް ޚިޔާލުގެ ދީނީ އިލްމުވެރިންގެ ނުރުހުން ޢަބްދުﷲ ރަސްގެފާނަށް އަމާޒުވެދާނެ ކަމަށް މުރާސިލުން ދެކެ އެވެ. ސަޢޫދީ އަރަބިޔާގެ ކޮންޒަވެޓިވް ޚިޔާލުގެ ބައެއް ދީނީ ޢިލްމުވެރިންނަކީ މުޖްތަމަޢާ އެކަހެރި ގޮތެއްގައި އަންހެނުން ގޭގައި ބައިތިއްބުމަށް ގޮވާލާ ބައެކެވެ.

ނަމަވެސް ސައޫދީ އަރަބިޔާގެދީނީ އިލްމުވެރިންގެ ތެރެއިން ދުނިޔެއަށް ލޯހުޅުވިފައިވާ ޒުވާންއިލްމުވެރިން ޢަބްދުﷲ ރަސްގެފާނުގެ މިފިޔަވަޅަށް ތާއީދު ކުރާނެ ކަމަށްވަނީ ބެލެވިފަ އެވެ. ސަޢޫދީ އަރަބިޔާގެ ލޯކަލްސަގާފަތުގެ އަސަރުގައިތިބި ކުރީގެ ޖަނަރޭޝަންތަކުގެ ގިނަ ޢިލްމުވެރިންއަންހެނުން މުޖްތަމަޢަށް ނެރުމަށް ދެކޮޅު ހައްދަވައި ފާޅުގައި ވާހަކަ ދައްކަވަމުން ގެންދަވަ އެވެ. އަދި މިފަދަ ބައެއް ޢިލްމުވެރިން ވަނީ އަންހެނުން މުޖްތަމައަށް ނެރުއްވުމަށް ޢަބްދުﷲ ރަސްގެފާނު ގެންގުޅުއްވާ ސިޔާސަތަށް ނުސީދާ ގޮތެއްގައި ފާޑުވެސް ވިދާޅުވެފަ އެވެ. ސައޫދީ އަރަބިޔާއަކީ މުތްލަގު (އެބްޒެލުޓް) ރަސްކަމެއް ކުރަމުން ގެންދާގައުމަކަށްވާ އިރު ރައްޔިތުންގެ ބާރު ފޯރާގޮތަށް އެގައުމުގެ ވެރިކަމުގެނިޒާމަށް އިސްލާޙީ ބަދަލުތައް ގެނައުމަށް ޒުވާންޖީލުން ގޮވާލަމުންދާގޮވާލުންތަކާ މެދު ޝާހީ ޢާއިލާ ކަންބޮޑުވެ އެވެ.

ޚާއްސަކޮށް މިސްރާއިލީބިޔާ އާއިތޫނިސް އަށް އައި ރައްޔިތުންގެ އިންޤިލާބުތަކުގައި އެގައުމުތަކުގެ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމުތައް ފުރޮޅިގެންގޮސްފައި ވާތީ ސައޫދީ ޢާއިލީ ރަސްކަމުގެ ނިޒާމަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ޝާހީ އާއިލާ އިން އިޙްސާސް ކުރާ ކަމަށް ސަޢޫދީއިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ޢަބްދުﷲ ރަސްގެފާނު ވަނީ އެގައުމުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތި ލުމާއި އެއިންތިޚާބުތަކުގައި ވޯޓު ދިނުމުގެޙައްގު އަންހެނުންނަށް ލިބިދިނުމުގެ ރިޔާސީ އަމުރެއް ވެސް 2011 ވަނަ އަހަރުނެރުއްވާފަ އެވެ.

ސަޢޫދީ އަންހެނުން ސިޔާސީ މައިދާނަށާއި ތަރައްގީގެ ކަންތައްތަކުގައި ބައިވެރިކޮށް މުޖްތަމައަށް ނެރުމަށް ޢަބްދުﷲރަސްގެފާނު އަމުރު ކުރައްވާފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ޝަރުޢީހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އަންހެނުންގެ ބުރުގާއާއި ހެދުންބެހެއްޓުމާ އެކު އަންހެނުންނާއި ފިރިހެނުން ގައިގޯޅި ނުވާނެ ގޮތުގެމަތިން ކަމަށް އެގައުމުގެ ރަސްކަމުގެ ދީވާނުން ބުނެ އެވެ. (އަލްޖަޒީރާ)