11 Oct 2010, 08:00
އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީއާ ދެކޮޅަށް މަދަނީ އިއްތިހާދުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ހުށަހެޅި ޤަރާރު އާންމުކޮށްފި އެވެ. އެ ޤަރާރުގައި މައިގަނޑު 22 ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. އެ ޤަރާރުގައި ބުނެފައި ވަނީ، މަދަނީ އިއްތިހާދަކީ ޑރ. މުސްތަފާ ލުތުފީ ގެންގުޅުއްވާ، ތައުލީމީ ސިޔާސަތާ ދެކޮޅު ބައެއްކަމަށެވެ.
ފުރަތަމަ ފާހަގަ ކޮށްފައިވާ ނުކުތާ އަކީ، މަންހަޖު ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް އެޑިއުކޭޝަނުން ބިނާކުރާ ކަމަށް ބުނެ ފާހަގަ ކުރި މައްސަލަ އެކެވެ. އެ ނުކުތާގައި މަތީ ޡާނަވީގައި އިސްލާމް، ދިވެހި މި ދެ މާއްދާ އިޚްތިޔާރީ ކުރުމަކީ "ނުބައި ޖަރީމާ" އެއްކަމަށް ސިފަކޮށްފައިވެ އެވެ. ދިވެހި ސަރުކާރުން އިޒްރޭލާ އެކު ސިއްރު އެއްބަސްވުންތަކެއް ވެފައިވާ ކަމަށާއި ތަޢްލީމީ ދާއިރާގައި އެއްބާރުލުންދީ ތަރައްޤީ ކުރުމަށް އިޒްރޭލްއާ އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއް ވާކަމަށް ފޮރިން މިނިސްޓަރު ޑރ. އަޙްމަދު ޝަހީދު ސަލަފު ޖަމިއްޔާގެ މެންބަރުން އަރިހު ވިދާޅުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އުވާލުމަށް ޑރ. މުސްތަފާ ލުތުފީ މަސައްކަތް ކުރައްވާ ކަމަށާއި އެގޮތުގައި ދެމިހުރުމަކީ އެ އިއްތިހާދުން ދެކޮޅުހަދާ ކަމެއްކަމަށް އެ ޤާރުގެ ހަތަރު ވަނަ ނުކުތާގައި ބުނެފައިވެ އެވެ.
ކޯ އެޑިއުކޭޝަނަކީ މިޒަމާނާ ނުގުޅޭ ކަމެއްކަން ޔޫރަޕްގެ ޤައުމުތަކުން ކުރި ފަހުގެ ހުރިހާ ދިރާސާތައް ދައްކާ ކަމަށާއި އަދި މިއީ މިޒަމާނުގައި ޢާއްމު މަޢުލޫމާތު ރަނގަޅަށް ނޭނގި، ތަޢްލީމުގެ ފަހުގެ ދިރާސާތަކާ ދިމާ އިދިކޮޅު ހެދުމަކީ ވެސް ޑރ. މުސްތަފާ ލުތުފީގެ ތައުލީމީ ސިޔާސަތާ މެދު އެ އިއްތިހާދުން ނުރުހުންވާ ކަމެއްކަމުގައި އެ ޤަރާރުގައި ބުނެފައިވެ އެވެ.
ޤަރާރުގެ 20 ވަނަ ނުކުތާގައި ވަނީ، ހދ. ކުޅުދުއްފުށީ ސްކޫލްގެ ބޯޑާއި ބެލެނިވެރިންގެ ނިންމުމާ ޚިލާފަށް އަންހެން ކުދިންގެ ބުރުގާ ނެގުވިކަމަށް ބުނާ މައްސަލައެކެވެ. އަދި މިފަދަ މުޢާމަލާތެއްގައި ޅ. ނައިފަރުގައި ބުރުގާ ނޭޅުމަށް ބޯޑުން ނިންމުމުން އެކަމާ އެއްކޮޅުވެ، ޑރ. މުސްތަފާ ލުތުފީ އިސްލާމީ ޝީޢާރުތަކާއި އިދިކޮޅުކަން ސީދާ ފާޅުގައި ހާމަވެގެން ދިއަކަމަށެވެ.
މަދަނީ އިއްތިހާދުން މިއަދު ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ދިއުމަށް ވެސް ހަމަޖެހިފައިވާކަމަށް މައުލޫމާތުލިބެ އެވެ.
މަދަނީ އިއްތިހާދަކީ 127 ޖަމިއްޔާގެ މައްޗަށް އެކުލެވޭ އިއްތިހާދެކެވެ. އިއްޔެ ހަވީރު އެ އިއްތިހާދުގެ ފަސް ބޭފުޅުންގެ ވަފުދަކުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެ ވަފުދަށް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ނުވެފަ އެވެ. މިކަމާ ގުޅޭ ގޮތުން މިއަދު މަދަނީ އިއްތިހާދުގެ ކްރިޓިކަލް އެނަލައިސިސް ގޮފީގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާގެ އަންޑާ ސެކެރެޓަރީ ރައީސުލްޖުމްހޫރިއްޔާގެ އެޕޮއިންޓް މަންޓެއް ހަމަޖެހޭނެ ކަމަށް ވިދާޅުވެފައި އެޕޮއިންޓްމަންޓެއް ނުދީ އޮތުމަކީ ޑިމޮކްރަސީގެ އަސާސާ ވެސް ހިލާފުކަމެއް. އަނެއްކާ މިކަމަކީ އެތައްބައެއްގެ މަސްލަހަތާ ވެސް ގުޅިފަވާ އެތައް ބެލެނިވެރިންނެއް ކަންބޮޑުވާ މައްސަލައެއް."
ހޮނިހިރު ދުވަހު މަދަނީ އިއްތިހާދުން ވަނީ ރިޔާސީ ގަނޑުވަރު މުލިޔާގެ ދޮށުގައި ވެސް މުޒާހަރާކޮށްފަ އެވެ.