ތޫނިސް (ފެބްރުއަރީ 20): ސިޔާސީ ބޭފުޅުން ނުހިމެނޭ ފަންނީ ޓެކްނޯކްރޭޓުންގެ ސަރުކާރެއް އެކުލާލުމުގައި ނާކާމިޔާބުވެވަޑައިގަތުމާ ގުޅިގެން ތޫނިސްގެ ބޮޑުވަޒީރު ޙައްމާދީ އަލްޖިބާލީ މަޤާމުން އިސްތިޢުފާ ދެއްވައިފި އެވެ.

އެއްވެސް ސިޔާސީ ޕާޓީއަކަށް ނޫނީ ޖަމާއަތަކަށް ނިސްބަތްނުވާ ހަމައެކަނި ޓެކްނޯކްރޭޓުންގެ ސަރުކާރެއް އެކުލާލުމުގެ މަސައްކަތް އަލްޖިބާލީ ފެއްޓެވީ، ތޫނިސްގެ އިދިކޮޅު ޒަޢީމެއް ކަމަށްވާ ޝުކްރީ ބިލްޢީދު މި މަހުގެ ހަ ވަނަ ދުވަހު ގޮތްނޭނގޭ ފަރާތަކުން ބަޑިޖަހައި އަވަހާރަކޮށްލުމާ ގުޅިގެން އަލްޖިބާލީގެ ކޯލިޝަން ސަރުކާރުގެ ގިނަ އަދަދެއްގެ ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ތޫނިސްގެ ރައީސް ޑރ. މުންސިފް އަލްމަރްޒޫގީގެ "ކޮންސްޓިޓިއުޝަން ފޯ ދަ ރިޕަބްލިކް" ޕާޓީ ވެސް ހިމެނެ އެވެ.

އަލްޖިބާލީގެ ކޯލިޝަން ސަރުކާރުން އެބޭފުޅުން އިސްތިއުފާ ދެއްވުމަށް ފަހު ހުށަހަޅާފައި ވަނީ ސިޔާސީ ބޭފުޅުން ނުހިމެނޭ ފަންނީ ޓެކްނޯކްރޭޓުންގެ މައްޗަށް އެކުލެވޭ ކޯލިޝަން ސަރުކާރެއް އެކުލާލުމަށެވެ. މިފަދަ ސަރުކާރެއް އެކުލަވާލުމަށް އަލްޖިބާލީ މަސައްކަތްކުރައްވަމުން ގެންދަވާތާ ދެހަފްތާވީ އިރު އޭނާ ވަނީ މިކަމުގައި ނާކާމިޔާބުވެވަޑައިގެންފަ އެވެ. ސިޔާސީ ބޭފުޅުން ނުހިމަނައި ހަމައެކަނި ޓެކްނޯކްރޭޓުންގެ ސަރުކާރެއް އެކުލާލުމަށް އަލްޖިބާލީ ކުރެއްވި މަސައްކަތް ކާމިޔާބު ނުވުމުގައި އޭނާގެ އިސްލާމިކް ނަހްޒާ ޕާޓީގެ އެއްބާރުލުން ލިބިވަޑައިނުގަތުންވެސް ހިމެނޭކަމަށްވެ އެވެ.

އަލްޖިބާލީ ނިސްބަތްވެވަޑައިގަންނަވާ އިސްލާމީ ޚިޔާލުގެ ނަހްޒާ ޕާޓީ އެކަމާ ދެކޮޅު ހަދާކަމަށް ޚަބަރު ލިބެ އެވެ. ތޫނިސްގައި މިދިޔަ އަހަރު ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގައި ޕާލަމެންޓްގެ އެންމެ ގިނަ ގޮނިޑި ލިބިފައި ވަނީ އިސްލާމިކް ނަހްޒާ ޕާޓީ އަށެވެ. އެޕާޓީއަށް ވެސް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބިފައިނުވާތީ އިސްލާމީ ޚިޔާލުގެ ނަހްޒާ ޕާޓީ އިސްކޮށް އޮވެގެން ތޫނިސްގައި އެކުލަވާލާފައި ވަނީ ކޯލިޝަން ސަރުކާރެކެވެ.

އުތުރު އެފްރިކާގެ ޢަރަބި ގައުމެއް ކަމަށްވާ ތޫނިސްގެ ދަސްތޫރު ބުނާގޮތުން އެގައުމުގެ ސަރުކާރު އެކުލަވާލުމުގެ ކަންތައް ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރަންވާނީ ޕާލަމެންޓްގައި އެންމެ ގިނަ ގޮނޑި ލިބިފައިވާ ޕާޓީއަކާ އެވެ. އެފަދަ ޕާޓީއަކަށް އެކަން ނުކުރެވިއްޖެ ނަމަ ރައީސަށް ފެނިވަޑައިގަންނަވާ ފަރާތަކާ ވެސް އެކަން ޙާވާލުކުރެވިދާނެ އެވެ. (އަލްޖަޒީރާ)