އިންޑިއާ ސަރުކާރުގެ ހާއްސަ މަންދޫބެއް ހިމެނޭ ވަފުދެއް ރޭ ރާއްޖެ ވަޑައިގެންފި އެވެ.

ރާއްޖޭގައި ހުރި އިންޑިއާ ހައިކޮމިޝަނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމާޔަތް ހޯއްދަވައިގެން ހުންނެވި މައްސަލައިގާ އިންޑިއާއާ ރާއްޖެއާ ދެމެދު މައްސަލަތައް އުފެދިފައި ވަނިކޮށް އިންޑިއާގެ ހާއްސަ މަންދޫބެއް ހިމެނޭ ވަފުދެއް ރޭ ރާއްޖެ ވަޑައިގެންފައިވާކަން ހައިކޮމިޝަނުން ކަށަވަރުކޮށްދިނެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު މައުލޫމާތެއް ނުދެއެވެ.

ރައީސް ނަޝީދު އިންޑިއާ ހައިކޮމިޝަނުގައި ހުންނެވި މައްސަލައިގާ އިންޑިއާއާ މަޝްވަރާތައް ކުރިއަށްދާ ކަމަށް ފޮރިން މިނިސްޓްރީން ވެސް މިއަދު ބުންޏެވެ. ނަމަވެސް އެމަޝްވަރާތަކާ ބެހޭ ތަފުސީލެއް އެމިނިސްޓްރީން ވެސް ނުދެ އެވެ. ބުނެފައި ވަނީ ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރުމުގައި އެހީތެރިވެދިނުން އެދި އިންޑިއާ ހައިކޮމިޝަނަށް ފޮނުވި ސިޓީއަށް މިހާތަނަށް ޖަވާބެއް ދީފައި ނުވާ ކަމަށާއި މަޝްވަރާތައް އަދިވެސް ކުރިއަށް ދާ ކަމަށެވެ.

ރައީސް ނަޝީދު ހައިކޮމިޝަނުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި މައްސަލައިގާ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ ފޮރިން މިނިސްޓްރީ އަށް ވަނީ ހާޒިރު ވެސް ކޮށްފަ އެވެ. އޭނާ ހާޒިރުކޮށް ދިވެހި ސަރުކާރުގެ ނުރުހުމުގެ މެސެޖެއް ރައްދުކޮށްފައިވީ ނަމަވެސް އެކަމަށް ވެސް އިންޑިއާ އިން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއްނުވެ އެވެ.