20 Feb 2013, 12:03
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓުރޭޝަން އޮފީހުން ހިންގާ ރިޓާޔާމަންޓް ޕެންޝަން ސުކީމަށް އިންވެސްޓް ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން 50 މިލިއަން ރުފިޔާގެ ބޮންޑު ގަތުމަށް ނިންމާފި އެވެ.
ޕެންޝަން އޮފީހުން މިއަދު ބުނީ އެޗްޑީއެފްސީ ގެ ބޮންޑު ގަތުމަށް މިމަހުގެ 11 ވަނަ ދުވަހު ނިންމާ ބޮންޑު ގަތުމަށް އެދޭ ފޯމް މިމަހުގެ 17 ވަނަ ދުވަހު ހުށައަޅާފައިވާ ކަމަށެވެ. އަދި އެ އޮފީހުން ގަތުމަށް ނިންމާފައި ވަނީ އެޗްޑީއެފްސީ އިން ވިއްކުމަށް ނިންމާފައިވާ 15000 ބޮންޑުގެ ތެރެއިން 5000 ބޮންޑު ކަމަށާއި އެއީ 50 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކަމަށެވެ.
ޕެންޝަން އޮފީހުން ބުނީ އެޗްޑީއެފްސީގެ ބޮންޑްގަތުމަށް ނިންމާފައިވަނީ ޕެންޝަން ފަންޑަށް އިންވެސްޓްކުރުމަށް މިވަގުތު ހުރި ފުރުސަތުތައް މަދުވުމާ އެކު އެޗްޑީއެފްސީ އިން ސްޓޮކް އެކްސްޗޭންޖު މާކެޓަށް ނެރުނު ބޮންޑަކީ ޕެންޝަން ގާނޫނުގައި ކަނޑައަލާފައިވާގޮތަށް ޕެންޝަން ސުކީމުގެ ބައިވެރިންނަށް ފައިދާވާގޮތަށް އަދި ޕެންޝަން ފަންޑުގެ ފައިސާ އިންވެސްޓް ކުރެވޭ ދާއިރާތައް އިތުރުކޮށް އިންވެސްޓްމަންޓްތަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ދެކޭތީ ކަމަށެވެ.
ޕެންޝަން ފަންޑުން އެޗްޑީއެފްސީ ގެ ބޮންޑު ގަތުމަށް ނިންމާފައިވާއިރު އެކުންފުއްޏަކީ ފުޅާ ދާއިރާއެއްގައި ގެދޮރު ބިނާކުރުމަށް ހައުސިން ފައިނޭންޝަލްއަށް ހާއްސަކޮށްގެން ލޯނު ދޫކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު މީގެ ކުރިން ވިދާޅުވެފައި ވަނީ ޕެންޝަން ފަންޑަށް ފައިދާ ވަނީ ޓީ ބިލުންނާއި ފިކްސްޑް ޑިޕޮސިޓުން ކަމަށެވެ. ފަންޑުން އިންސްވެސްޓްކޮށްގެން ފައިދާ ހޯދަން ހުރަސްތަކެއް އެބަހުރި ކަމަށާއި ޕެންޝަންގެ ގާނޫނު ބުނާގޮތުން އެ ކުންފުންޏަށް އިންވެސްޓްކުރެވޭނީ ސީއެމްޑީއޭގައި ލިސްޓުކޮށްފައިވާ ކުންފުންޏަކަށް ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.