ހުޅުމާލޭ ފްލެޓްތަކުގެ ބޭރުގައިވާ ހުސްތަން ބައްދައި ފާރު ރާނައި އަދި ބައެއް ތަންތަން ހިޔާކޮށްގެން ބޭނުން ކުރާތީ އެ ފަރާތްތައް 10،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެ ހުޅުމާލެ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) ބުނެފި އެވެ.

އެޗްޑީސީ މެނޭޖިން ޑައިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ އެ ކޯޕަރޭޝަނުން މިދިޔަ ޑިސެމްބަރު މަހުތެރޭގައި ކުރި ސާވޭތަކަށް ބަލާފައި ވަށާފާރު ރާނާފައި ހުރި ފަރާތްތަކުގެ ތެރެއިން 39 ފަރާތަކަށް މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ.

ނަމަވެސް އެ 15 ދުވަސް ހަމަވިފަހުން އަދި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ސުހައިލް ވިދާޅުވީ އެ މުއްދަތުގައި އެޗްޑީސީން ފުލެޓްތައް ޗެކް ކުރި އިރު، ވަށާފާރު ރާނާފައިވާ ފަރާތްތައް އެކަން އިސްލާހު ނުކުރާ ނަމަ 10،000ރ. އިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭން ދޫކުރާ ފުލެޓްތައް ހަވާލު ކުރުމަށް ފަހު ޑިޒައިނަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެއް ކަމަށް އެގްރިމެންޓްގައި ބުނެފައިވެ އެވެ.

ސުހެއިލް ވިދާޅުވީ ފެލްޓްތަކުގެ ވަށާ ފާރު ހިމެނޭ ބައިގައި ރާނާފައިވާ ތަންތަން ރަނގަޅު ކުރުމަށް އެންގުމުން ގިނަ ބައެއްގެ ޝަކުވާ އެޗްޑީސީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ޝަކުވާ ބަލަމުން އަންނަ ކަމަށާއި އެކަން ކަމަށް ބެލުމަށް ފަހު ފައިނަލް ޑިސިޝަނެއް ނަގާނެކަން ޝަކުވާ ހުށަހެޅި ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ.

ފުލެޓްތަކުގައި ވަށާ ފާރު ކައިރީ އިތުރުބައެއް ރާނާފައިވާ އިރު އެތަން ތަނުގައި ކޮޓަރި ހަދައިގެން ބައެއް ފަރާތްތަކުން ކުއްޔަށް ވެސް ދޫކޮށްފައި އެބަހުއްޓެވެ. އަދި ބައެއް ފަރާތްތަކުން އެކަން ކޮށްފައިވަނީ މަތީ ފުލެޓްތަކުގައި ތިބޭ ފަރާތްތަކުން އެއްޗެހި އުކާތީ ސޭފްޓީ އަކަށް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެކަން އެޗްޑީސީން ދޮގުކުރެ އެވެ. ސުހެއިލް ވިދާޅުވީ ރާނާފައި ހުރި ގޮތަށް ބަލާއިރު އެކަން އެގޮތަށް ބެލެވޭކަށް ނެތް ކަމަށެވެ.