20 Feb 2013, 11:26
ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެންމަތިވެފައިވާ ހެލިކަޕްޓަރު ޑީލްގެ މައްސަލާގައި އިންޑިއާއިން ކުރަމުންދާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ފިންމެކޭނިކާ އިން ބުނެފި އެވެ.
އިންޑިއާއިން ގަންނަށް ބޭނުންވެގެން ބީލަމަށް ލީ ހެލިކަޕްޓަރު ޑީލް ކާމިޔާބުކުރުމުގައި ފިންމެކޭނިކާއާއި އެކުންފުނީގެ ސަބްސިޑައިރީއެއް ކަމަށްވާ އޮގަސްޓާ-ވެސްޓްލެންޑުން އިންޑިއާގެ އޮފިޝަލުންނަށް ރިޝަވަތު ދީފައިވާ ކަމަށް ތުހުމަތުކޮށް އިންޑިއާ އިން ތަހުގީގެއް ފަށާފައި ވަނީ މީގެ ހަފުތާއެއް ދުވަސް ކުރިންނެވެ.
އިޓަލީވިލާތުން ކުރި ތަހުގީގެއްގައި ފިންމެކޭނިކާ އިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ބުނެ އިޓަލީގެ ފުލުހުން ވަނީ ފިންމެކޭނިކާގެ ސީއީއޯ ޖިއުސެއްޕޭ އޯރުސީ ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން އޯރުސީ ސީއީއޯގެ މަގާމުން އިސްތިއުފާ ދީފައިވާ އިރު، ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސާ އަލެސަންދުރޯ ޕަންސާ އަށް ސީއީއޯގެ މަގާމު ވަނީ ހަވާލުކޮށްފަ އެވެ.
މިމައްސަލައާ އެކު ކޮރަޕްޝަން ހުއްޓުވުމުގައި އިންޑިއާ ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހަށް ސިޔާސީ ގޮތުން ގިނަ ފިއްތުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ފިންމެކޭނިކާ އިން ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ތަހުގީގު ނިމުމުން، ފިންމެކޭނިކާއިން އިންޑިއާގައި ހަރަކާތްތެރިވެފައިވާ 40 އަހަރު ދުވަހުގެ ތެރޭގައި އެކުންފުނިން އިންޑިއާގެ އެއްވެސް ގާނޫނަކާ ހިލާފު އަމަލެއް ހިންގާފައިނުވާ ކަން ސާބިތުވާނެ ކަމަށެވެ.
އިންޑިއާގެ މަތީ ފެންވަރުގެ ވަފުދެއް މިމައްސަލައިގެ ތަހުގީގަށް އިޓަލީގެ މިލާނަށް ގޮސްފައިވާ އިރު، އެފަރާތްތަކަށް އެެއްބާރުލުން ދޭނެ ކަމަށް އިޓަލީއިން ވެސް ވަނީ ބުނެފަ އެވެ.
އިންޑިއާ އިން އޭޑަބްލިޔު-101 މަރުކާގެ 12 ހެލިކަޕްޓަރު ގަތުމަށް އިއުލާންކޮށްފައި ވަނީ، އެގައުމުގެ ރައީސާއި ބޮޑުވަޒީރު އަދި އެހެނިހެން ވީވީއައިޕީއިން އުފުލުމަށް ބޭނުންކުރުމަށެވެ. އިންޑިއާ އިން މިހާރު ފިންމެކޭނިކާގެ ޕޭމަންޓުތައް ހުއްޓުވާފައިވާ އިރު، މިހާތަނަށް ތިން ހެލިކަޕްޓަރެއް އިންޑިއާ އާ ވަނީ ހަވާލުކޮށްފަ އެވެ.