20 Feb 2013, 11:20
އާސެނަލް އަތުން 3-1 ލަނޑުން މޮޅުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ގާތަށް ބަޔާން މިއުނިކް ޖެހިލައިފި އެވެ.
ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ބަޔާނުން ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެ ޗުގެ ލީޑް ނެގީ ބަޔާނުންނެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި އެލަނޑު ބަޔާންއަށް ކާމިޔާބު ކޮށްދިނީ ޖަރުމަންގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ދެ ވަނަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީވެސް ބަޔާނުންނެވެ. އެ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ޖަރުމަންގެ ފޯވާޑް ތޯމަސް މުލާ އެވެ.
ދެ ގޯލުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ބަޔާނުން ނިންމާލި ކަމަކު، ދެ ވަނަ ހާފުގެ 55 ވަނަ މިނެޓުގައި އާސެނަލް އިން ލަނޑެއް ޖަހާ އެޓީމުގެ އުންމީދު އާކުރި އެވެ. އެލަނޑު އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ލޫކަސް ޕޮޑޮލްސްކީއެވެ.
އާސެނަލްއިން މެޗުގެ ދެ ވަނަ ހާފުގައި ބަޔާންކޮޅަށް ލަނޑެއްޖަހާ މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލި ނަމަވެސް މެޗުގެ 77 ވަނަ މިނެޓުގައި ބަޔާނުގެ މާރިއޯ މަންޑްޒުކިޗް ލަނޑު ޖަހައި އާސެނަލްގެ އުންމީދުތައް ފުޑުފުޑު ކޮށްލިއެވެ.
ރޭގެ މެޗަށްފަހު އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނީ، ފުރަތަމަ ބުރުން ލިބުނު ނާކާމިޔާބީއާ އެކު ދެ ވަނަ ބުރުގައި ބަޔާންއާ ދެކޮޅަށް ނިކުންނައިރު ނަތީޖާ އަބުރާލަން ފަށޭހަ ނުވާނެ ކަމަށާއި އެހެން ނަމަވެސް އެމެޗަކީ އާސެނަލްއަށް މުޅި މިސީޒަނުގައި ވެސް އެންމެ މުހިންމު އެއް މެޗް ކަމަށެވެ.
މެޗަށް ފަހު ބަޔާނުގެ ކޯޗު ޔުޕް ހެއިންކެސް ބުނީ، އާސެނަލްއާ ދެކޮޅަށް ދެ ވަނަ ލެގުގައި ނިކުންނާނީ ވެސް އާހިތް ވަރަކާއެކު ފުރަތަމަ ލެގުގައި ވެސް ހެދުނު މިސްޓޭކްތައް ދެވަނަ ލެގުގައި ތަކުރާރު ނުކުރުމުގެ އުންމީދުގައި ކަމަށެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ދެ ވަނަ މެޗުގައި މަލާގާ އަތުން އަމިއްލަ ދަނޑުގައި ޕޯޓޯ ވަނީ 1-0 އިން މޮޅުވެފަ އެވެ. ޕޯޓޯގެ ލަނޑު ރޭގެ މެޗުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޖާއޯ މޮޓީނިއޯ އެވެ.