20 Feb 2013, 11:15
ހުޅުމާލެ ކޯޓުން ފުލުހުންނަށް ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް އެހީތެރިވެދިނުން އެދި ފޮރިން މިނިސްޓްރީން އިންޑިއާ ހައިކޮމިޝަނަށް ފޮނުވި ސިޓީ އަށް އަދިވެސް އެއްވެސް ޖަވާބެއް ނުދޭ ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.
ހައިކޮމިޝަނުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދުގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް އެހީތެރިވެދިނުން އެދި ފޮރިން މިނިސްޓްރީން ހައިކޮމިޝަނަށް ހޯމަ ދުވަހު ސިޓީއެއް ފޮނުވީ ފުލުހުންގެ އެކަމަށް އެދުމުންނެވެ.
ހުޅުމާލޭ ކޯޓުން އެންމެ ފަހުން ނެރުނު އަމުރުގައި ވަނީ ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން މިއަދު ހަވީރު 4.00 އަށް ކޯޓަށް ހާޒިރު ކުރުމަށެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ އަދިވެސް އިންޑިއާ ހައިކޮމިޝަނުގެ އެތެރޭގައި ކަމަށް ވާތީ، އެތަނަށް ވަދެ، އެމަނިކުފާނު ހައްޔަރު ކުރުމަށް ހައިކޮމިޝަނަރުގެ ހުއްދަ ބޭނުންވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ސިޓީ އަށް ހައިކޮމިޝަނުން އަދި އެއްވެސް ޖަވާބެއް ދީފައި ނުވި ނަމަވެސް މަޝްވަރާތައް އަދި ވެސް ކުރިއަށްދާ ކަމަށެވެ.
ރައީސް ނަޝީދު ހައިކޮމިޝަނުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި މައްސަލައިގާ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ ފޮރިން މިނިސްޓްރީ އަށް ވަނީ ހާޒިރުވެސް ކޮށްފަ އެވެ. އޭނާ ހާޒިރުކޮށް ދިވެހި ސަރުކާރުގެ ނުރުހުމުގެ މެސެޖެއް ރައްދުކޮށްފައިވީ ނަމަވެސް އެކަމަށް ވެސް އިންޑިއާ އިން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއްނުވެ އެވެ.