20 Feb 2013, 11:02
އިންތިގާލީ ސަރުކާރެއްގެ ދަށުން މިއަހަރުގެ ރިޔާސީ އިންތިހާބު ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދީފި ނަމަ، އެމްޑީޕީއިން ރިޔާސީ އިންތިހާބު ބޯއިކޮޓް ކުރާނެ ކަމަށް އެޕާޓީއާ ހަވާލާދީ އޭޕީ އިން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވި އެމްޑީޕީގެ މިހާރުގެ ސްޕޯކްސްޕާސަން އަހުމަދު ނަސީމާ ހަވާލާދީ އޭޕީ އިން ބުނީ ރައީސް ވަހީދު ވެރިކަމުގައި ހުންނަވައިގެން ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި ރިޔާސީ އިންތިހާބަކަށް ވެގެންދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އިންތިގާލީ ސަރުކާރެއް. އެއަށް ފަހު އިންތިހާބު. އެނޫން ގޮތަކަށް ގަބޫލެއް ނުކުރެވޭނެ. މިގޮތަށް އިންތިޒާމުތައް ހަމަނުޖައްސައިފި ނަމަ، އެމްޑީޕީ އިން އިންތިހާބުގައި ވާދައެއް ނުކުރާނެ،" ނަސީމް ވިދާޅުވި އެވެ.
އަންގާރަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބައިނަލްއަގުވާމީ މީޑިއާއަށް މައުލޫމާތު ދެއްވަމުން ނަސީމް ވިދާޅުވީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދައިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދަށުން އެކުލެވޭ އިންތިގާލީ ސަރުކާރެއް ރާއްޖޭގައި އެކުލަވާލުމަށް އެމްޑީޕީ އިން އެދޭ ކަމަށެވެ.
އެމްޑީޕީ އިން މިހެން ބުނެފައިވާ އިރު، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ނިޒާމުން ގެއްލުވާލި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާ އަށް މިއަދުގެ ވަގުތެއްގައި އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަމުރެއް ވަނީ ނެރެފަ އެވެ.
ނަޝީދުގެ މައްޗަށް ކުރާ ދައުވާތަކަކީ ސިޔާސީ ގޮތުން ކުރާ ދައުވާތަކެއް ކަމަށް އެމްޑީޕީ އިން ބުނަމުންދާ އިރު، ނަޝީދު އަދިވެސް ހުންނެވީ އިންޑިއާން ހައި ކޮމިޝަންގެ ތެރޭގަ އެވެ.