20 Feb 2013, 10:57
މިދިޔަ އަހަރު ޖެނުއަރީ މަހަށްވުރެ މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ މިންވަރު 31.4 ޕަސެންޓް ދަށަށް ގޮސް ރާއްޖެ އައި ޓޫރިސްޓުންގެ މިންވަރު 7.6 ޕަސެންޓް ދަށަށް ގޮސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއިން 28,008 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މި އަހަރުގެ ޖެނުއަރީމަހު އައިސްފައި ވަނީ 19,208 މީހުންނެވެ. އެހެންކަމުން މިއީ 31.4 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިދިޔަ އަހަރު ޖެނުއަރީމަހު ރާއްޖެއަށް ޖުމުލަ 96,146 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މިއަހަރު ޒިޔާރަތްކޮށްފައިވަނީ 88,869 ޓޫރިސްޓުން ކަމުން އެއީ 7.6 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ މީހުންއަންނަ ޔޫރަޕުން ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 4.4 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި އޭޝިއާ ސަރަހައްދުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 16.8 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ޖުމުލަ ގޮތެއްގައި ގިނަ މާކެޓްތަކުން މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.
ޗައިނާއިން ރާއްޖެއަށް އައި ޓުރިސްޓުންގެ އަދަދު ދަށް ވެފައިވާއިރު ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ މި އަހަރުގެ އެންމެ ބޮޑު އަމާޒަކީ ޗައިނާ އާއި ޔޫރަޕުން އަންނަ ޓޫރިސްޓުންގެ މިންވަރު ރަނގަޅު މިނެއްގައި ހިފަހައްޓައިގެން ކުރިއަށް ދިއުން ކަމަށެވެ.
މިދިޔަ ޖެނުއަރީމަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ދަށް ވެފައިވާއިރު މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓުރީއިން މިދިޔަ އަހަރު ކަނޑައެޅި އެއް މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލް ވެފައެއް ނުވެ އެވެ.