ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުވެވަޑައިގެންނެވުމަށް ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރަށް ތަބާވެވަޑައިގެން މިއަދު ވެސް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ރޭޑިއޯ އެއް ކަމަށްވާ "ރޭޑިއޯ އޮސްޓްރޭލިއާ އަށް ރޭ ދެއްވި އިންޓަވިއުއެއްގައި" ނަޝީދު އެ އަމުރަށް އަޅައި ނުލައްވާނެ ކަމަށްތޯ ހީކުރައްވަނީ؟" ސުވާލު ދެންނެވުމުން ހާމިދު ވިދާޅުވެފައި ވަނީ "މީގެ އެއް އަހަރު ކުރިން އެމަނިކުފާނު އަވަހާރަކޮށްލަން މަސައްކަތް ކުރި މީހުންގެ ކުރިމައްޗަށް ހާޒިރުވަޑައިގަންނަވާނެ ހެން އަޅުގަނޑަކަށް ހިއެއް ނުވާ" ކަމަށެވެ.

އިންޓަވިއުގައި ހާމިދު ތުހުމަތުކުރައްވާފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ކުރިއަށް ގެންދާ ޝަރުއީ ކަންތައްތަކަކީ "ބަޣާވާތެއް"ކަމަށެވެ.

"މިއީ ދެ ވަނަ އަމުރު، އެމަނިކުފާނު، ހައިކޮމިޝަނުން ނުކުންނަވައިފި ނަމަ އަޅުގަނޑު ގަބޫލުކުރަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާނެ ކަމަށް. މިކޯޓް ކޭސްއަކީ ބަޣާވާތުގެ މުޅި ހާދިސާ ފޮރުވާލާނެ ކަމެއް،" ހާމިދު ވިދާޅުވެފައިވެ އެވެ.

"އެމަނިކުފާނު ގޯހެއް ހައްދަވާފައި ނުވާ ނަމަ ޝަރުއީ ކަންތައްތައް ފުރިހަމަ ވިޔަ ނުދޭންވީ ކީއްވެތޯ؟"
ސުވާލުކުރުމުން ހާމިދު އަނެއްކާ ވެސް ވިދާޅުވެފައި ވަނީ "ޝަރުއީ މަރުހަލާއަކީ ބަޣާވާތް" ކަމަށެވެ.

ރައީސް ނަޝީދު އިންޑިއާ ހައިކޮމިޝަނުގައި އިތުރަށް ހުންނަވަން ހައިކޮމިޝަނުން ހުއްދަ ދޭނެ ކަމަށް ގަބޫލުކުރައްވަންތޯ ސުވާލުދެންނެވުމުން ހާމިދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އެތާ ހުންނެވުމާ މެދު ހިތްހަމަނުޖެހިގެން ހައިކޮމިޝަނަރު ފޮރިން މިނިސްޓްރީ އަށް ގެންދިޔަ ފަހުން ވެސް އިންޑިއާ އިން ދަނީ އޭނާ އެތާ ބަހައްޓަވަމުން ކަމަށެވެ.

ހާމިދު އަދި ވިދާޅުވެފައި ވަނީ މައްސަލަ އަދިވެސް ހައްލު ނުވެ ކުރިއަށް ދާނެ ކަމަށާއި ވަރަށް ގިނަ ޑިޕްލޮމެޓިކް ވާހަކަތައް ކުރިއަށް ދާނެ ކަމަށެވެ.