20 Feb 2013, 10:48
ހއ. އުލިގަމު ހުޅަނގު ފަރާތުގައި ގަވާއިދާ ޚިލާފަށް ހުއިފިލަނޑާ ނަގަމުންދިޔަ ރ. ކަނދޮޅުދޫ ބަޔަކު ހައްޔަރުކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބުދުﷲ އަލީ ވިދާޅުވީ އުލިގަމު ހުޅަނގުފަރާތު ބޭރުގައި ބަޔަކު ހުއިފިލަނޑާ ނަގަމުންދިޔަ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.
އަދި އެހިސާބަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން ދިޔަ އިރު ހުއިފިލަނޑާ ނެގުމުގެ މަސައްކަތުގައި އެހިސާބުގައި ހަތް މީހުން ތިބި ދޯންޏެއް އޮތް ކަމަށެވެ. އެ ދޯނި ބަލައި ފާސްކުރި އިރު ތާނގީ ބުރިއެއްގެ ތެރޭގައި ހުއިފިލަނޑާ ހުރި ކަމަށް ވެސް އަބުދުﷲ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ ހުއިފިލަނޑާ ނެގުމުގެ މސައްކަތުގައި ތިބީ ރ. އުނގޫފާރުގައި ދިރިއުޅޭ އެ އަތޮޅު ކަނދޮޅުދޫ ބައެއް ކަމަށެވެ.
އަދި އެމީހުން މިހާރު އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާ ހަވާލު ކުރަން ނިންމާފައިވާ ކަމަށް ވެސް އަބުދުﷲ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދުގެ ދެ ވަނަ މާއްދާގެ (ޅ)ގައި ބުނެފައި ވަނީ ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ އާއި އިހި ނެގުމަކީ މަނާ ކަމެއް ކަމަށެވެ.
ކަނޑުމަތީގެ ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމުގެ ގޮތުން މި އަހަރުތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނުގެ ދަށުން ސަދަން އޭރިއާގައި މިހާރު ވަނީ ފަށައިފަ އެވެ. އަދި އެގޮތުން އައްޑޫގައި ބަޔަކު ގަވާއިދާއި ޚިލާފަށް ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނަގަން އެޅެނިކޮށް މިމަހު ކުރީ ކޮޅު ވެސް ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.