މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 33 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތިންވަނަ ޑިވިޒަންގައި އިއްޔެ ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާ އަކުން ޓީ-ރެކްސް ސްޕޯޓްސް އެކަޑަމީ ކައިރިން ޑީ ބާސްކެޓްބޯލް ކުލަބް މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅު މެޗު ޑީ ބާސްކެޓްބޯލް ކުލަބް (ޑީބީސީ) ކާމިޔާބު ކުރީ 115 ޕޮއިންޓް 28 ޕޮއިންޓުން ނެވެ. ރޭގެ މެޗުގައި ޑީބީސީއަށް އެންމެ ގިނަ ޕޮއިންޓު ނަގައިދިނީ 28 ޕޮއިންޓު ހޯދައިދިން ރިޝްފާން ރަޝީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވިފައިވަނީ ރިޝްފާން އެވެ.

ރޭގެ މެޗުގައި ޓީރެކްސް ސްޕޯޓްސް އެކަޑަމީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގައި އެޓީމަށް އަށް ޕޮއިންޓް ހޯދައިދިން އަލީ ނަފީސް އެވެ. ރޭގެ މެޗުގެ ފުރަތަމަ ކުއާޓާގައި އެޓީމަށް ލިބުނީ އަށް ޕޮއިންޓެވެ. ދެވަނަ ކުއާޓާގައި ހަ ޕޮއިންޓް އަދި ފަހު ދެކުއާޓާގައިވެސް ހަތް ޕޮއިންޓެވެ.

ޑީ ބާސްކެޓްބޯލް ކުލަބުން ފުރަތަމަ ކުއާޓާގައި 27 ދެވަނަ ކުއާޓާގައި 21 ތިންވަނަ ކުއާޓާގައި 30 އަދި ހަތަރުވަނަ ކުއާޓާގައި 37 ޕޮއިންޓް ހޯދާފައި ވެއެވެ.

އެ މުބާރާތުގެ ފަސްވަނަ މެޗުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ވިޔަންސާ އާއި ޓީ-ރެކްސް ސްޕޯޓްސް އެކަޑަމީ އެވެ. ހަވީރު 4:30ގައި ފެށޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.