ބްރެޒިލްގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ގޯލްލައިން ޓެކްނޮލޮޖީ (ޖީއެލްޓީ) ބޭނުން ކުރާގޮތަށް ފީފާ އިން ނިންމައިފި އެވެ.

ސްވިޒަލެންޑްގެ ވެރިރަށް ޒިއުރިކްގައި ހުންނަ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުސްވި އަހަރުގެ ކުލަބު ވޯލްޑްކަޕްގައި ޖަޕާނުގައި ކުރެވުނު ކާމިޔާބު ތަޖުރިބާގެ އަލީގައި މިފަހަރު ޖީއެލްޓީ ބޭނުން ކުރުމަށް އެ އިދާރާއިން ނިންމީ ކަމަށެވެ.

"ޖަޕާނުގައި 2012 ވަނަ އަހަރުގެ ބޭއްވުނު ކުލަބު ވޯލްޑް ކަޕްގައި ގޯލް ލައިން ޓެކްނޮލޮޖީ (ޖީއެލްޓީ) ބޭނުން ކޮށްގެން ކުރެވުނު ކާމިޔާބު ތަޖުރިބާއަށް ފަހު، 2013 ވަނަ އަހަރު ބްރެޒިލްގައި އޮންނަ ކޮންފެޑެރޭޝަން ކަޕާއި އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖީޓީއެލް ބޭނުން ކުރުމަށް ފީފާއިން ނިންމައިފި،" ދުނިޔޭގެ ފުޓްބޯޅަ އިދާރާ އިން ބުނެފައިވެ އެވެ.

ފީފާ އިން އިތުރަށް ބުނެފައި ވަނީ ޖީއެލްޓީ ބޭނުން ކުރުމުގެ މަގުސަދަކީ މެޗުއޮފިޝަލުންނަށް އެހީތެރިވުން ކަމަށާއި އަދި ހުރިހާ ސްޓޭޑިއަމްތަކެއްގައި މި ޓެކްނޮލޮޖީ މިފަހަރު ބޭނުން ކުރާނޭ ކަމަށެވެ. އަދި އެ އިދާރާ އިން ވަނީ ގޯލްލައިން ޓެކްނޮލޮޖީގެ ހިދްމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ދޮރު ހުޅުވައިލާފަ އެވެ.

ފީފާއިން ލައިސަންސް ދީގެން ހުސްވި އަހަރުގެ ކުލަބް ވޯލްޑް ކަޕްގައި ޖަޕާނުގައި ބޭނުން ކުރެވުނު ޖީއެލްޓީ ދެ ސިސްޓަމަކީ "ހޯކްއައި" އަދި "ގޯލްރެފް" އެވެ. މި ދެ ނިޒާމް ވެގެން ގޮސްފައި ވަނީ ވަރަށް ބޭނުންތެރި އަދި އެހާމެ ސީދާކޮށް ނިންމުންތައް ނިންމާ ދެ އާލާތް ކަމަށެވެ.