20 Feb 2013, 10:15
އިޓާލިއަން ލީގު 12/2011ގެ އެންމެ މޮޅު ކޯޗު ހޮވުމަށް ނެގުނު ވޯޓުން ނިމިދިޔަ ސީޒަންގައި އެއްވެސް މެޗަކުން ބަލިނުވެ ލީގު ހޯދި ޔުވެންޓާޒްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހޮވައިފި އެވެ.
އިޓަލީގެ ކޮވަޗާނޯގެ ނޭޝަނަލް ޓްރެއިނިން ސެންޓަރުގައި ހޯމަ ދުވަހު އޮތް ހާއްސަ ހަފްލާއެއްގައި ކޮންޓޭ ބުނީ އޭނާއާ އެއް ދާއިރާއެއްގައި މަސައްކަތްކުރާ އޭނާ އަށް ވޯޓު ދިން ފަރާތްތަކާއި އަދި ވޯޓު ނުދޭ ފަރާތް ތަކަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި "ގޯލްޑަން ބެންޗު އެވޯޑް"އަކީ އޭނާގެ ފަންނު އިތުރަށް ތަރައްގީ ކުރުމަށް ލިބިދިން ހިތްވަރެއް ކަމަށެވެ.
ކޮންޓޭ އަށް ގޯލްޑަން ބެންޗު އެވޯޑް ލިބިފައި މިވަނީ ފައިބެ އަހަރުގެ އޮގަސްޓު މަހު މެޗްފިކްސިން މައްސަލައިގައި އޭނާއަށް 10 މަސްދުވަހުގެ ސަސްޕެންޝަނެއް ދީފައި ވަނިކޮށެވެ. އެކަމަކު އެ އަދަބު ފަހުން ހަތަރު މަސްދުވަހަށް ލުއިކޮށްދިނުމުން ކޮންޓޭ އަލުން ޓީމާ އެކު ދަނޑަށް ނުކުމެފައި ވަނީ ޑިސެމްބަރު ތެރޭގަ އެވެ.
އިޓާލިއަން ލީގުގައި މިހާތަނަށް 25 މެޗު ކުޅުނު އިރު ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު ތާވަލުގެ އެންމެ ކުރީގައި މިހާރު ވެސް އޮތީ ޔުވެންޓާޒް އެވެ.
ސެރިއޭ ބީގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މިދިޔަ ސީޒަންގައި މޮޅު އެޓޭކިން ކުޅުމެއް ކުޅެގެން ސެރިއޭ އޭ އަށް ޕްރޮމޯޓްވި ޕެސްކާރާގެ ކުރީގެ ކޯޗު އަދި މިމަސް ތެރޭގައި ރޯމާގެ ކޯޗުކަމުގެ މަގާމުން ދުރު ކުރެވުނު އެޓީމުގެ ކޯޗު ޒެނެކް ޒެމާން އެވެ.