20 Feb 2013, 10:05
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ބިރުފުޅު ގަންނަ އަދި އެންމެ ޖެހިލުންވެވަޑައިގަންނަވާ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ޖަގަހަ، މ. ކުނޫޒުގައި ސިލްސިލާކޮށް ހަފުތާއަކު އެއް ފަހަރު ބާއްވަމުން އަންނަ ބައްދަލުވުމުގެ، ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި މުޅި ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވުމާ އެކު ދެން ރައީސް ނަޝީދު މަސައްކަތް ކުރެއްވީ އެމަނިކުފާނު ހައްޔަރު ކުރެއްވުމަށް ކަން އެނގިވަޑައިގެންނެވި ކަމަށެވެ. އަދި ކެބިނެޓް އުވާލެއްވީ ވެސް އެ މަގުސަދުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
"ގ. ކެނެރީގޭ މުހައްމަދު ނަޝީދު އެންމެ ބިރު ގަންނަ އަދި އެންމެ ޖެހިލުންވާ މީހަކީ ވެސް އަޅުގަނޑު. އަޅުގަނޑަށް އެނގޭ އެކަން. އަޅުގަނޑު ދެކެން އޭނާ އެންމެ ބިރު ގަންނާނީ އަޅުގަނޑު ދެކެ. ޖެހިލުންވެ ބިރު ގަންނާތީވެ މުޅި ކެބިނެޓް އުވާލާފައި މޮޔަޔަކު އުޅޭހެން އުޅެގަތީ. ދުނިޔޭގެ މީހުންނަށް ޝޮކެއް ދީފައި ދިވެހި ރައްޔިތުން އާޝޯހް ކުރުވާފައި ބޮޑު ކަމެއްގެ ފަހަތުން ގޮސް އަޅުގަނޑު ހައްޔަރު ކުރީ އަޅުގަޑު ކޮން ކަމެއް ކޮށްގެންތޯ. ކޮން ރިޝްވަތެއް ހިފައިގެންތޯ. އޭނާ އެ ފިލްމް ކުޅުނީ އަޅުގަނޑު ހައްޔަރު ކުރަން. މުޅި އުމުރު ދުވަހު ޖަލުގައި ބާއްވަންވެގެން. އަޅުގަނޑު އޭނާ ވެރިކަމަށް ގެންނަން ވެގެން ސައިޑްބައިސައިޑް އެހީވެގެން ހުރިހައި ރިސްކެއް ނަގައިގެން ކަންތައް ކޮށްދިން މީހާ މީ. މުސްކުޅިން ބުނެ އުޅޭ ހެޔޮކަމެއް ކޮށްދިން މީހަކަށް ލިބޭނީ ތެހޮ ހަމަކޭ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު މަސައްކަތް ކުރެއްވީ ކުށެއް ނެތް މީހުންނަށް އަދަބު ދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ މިއަދު ރައީސް ނަޝީދު އުޅުއްވަނީ އަމިއްލަފުޅަށް ކުށް ކުރެއްވުމަށް ފަހު ކުށަށް ފިއްލަވައިވަޑައިގަންނަވަން ކަމަށާއި އެހެން ނަމަވެސް އެކަން ރައީސް ނަޝީދަށް ނުކުރެއްވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ރައީސް ނަޝީދު އެ އުޅުއްވަނީ އަމިއްލަ އަށް ކުށްކޮށްގެން އޮވެ ކުށަށް ފިލަން ވެގެން. އެކަމެއް ނުވާނެ އޭނަޔަކަށް. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އޭނަ އަށް ޓަކައި ތަބައެއް ނުވެވޭނެ. ކިތަންމެ ބަޔަކު ރުޅި އަޔަސް އަމިއްލަ އެދުމާއިގެން ނިކުތަކަސް އެކަމެއް ނުކުރެވޭނެ. ގާނޫނު އަސާސީ އަށް ވުރެ މަތީގައި ހަމަ އެކަކަށް ވެސް ނުހުރެވޭނެ. އެހެން ފިލައެއް ނޯވެވޭނެ. ގާނޫނުގެ ކުރިމައްޗަށް އޭނަ ދާނެ. އޭނަ ޖެހޭނީދާން. މިއީ ދުނީޔޭގެ ޑިމޮކުރެޓިކް ގައުމުތަކުގައި ކަން ހިނގާފައި އޮތް ގޮތް،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ ގާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމަވާން ޖެހޭނެ ކަމަށާއި ގާނޫނުގެ ދިގު އަތް ހުރިހާ އެންމެންނާ ދިމާލަކަށް ވެސް ފޯރާނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމެއް ނުވަތަ ތަނެއް ކުރިއަރައިގެން ދާނީ އެތަނެއްގައި އިންސާފު ގާއިމް ކުރެވިގެން ކަމަށާއި އެހެން ނޫން ކަމަށްވާ ނަމަ އެތަނެއް ފުފުނޑުފުނޑު ވެގެން ހިނގައިދާނެ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ރައްޔިތުން މިތިބީ ވަކި މީހަކަށް ޓަކައި ހަލާކުވެ ފުނޑުފުނޑު ވެގެންދާން ނޫން ކަމަށާއި އެހެން ކަމުން ދިވެހިރައްޔިތުން މިކަމާ މެދު ވިސްނައި ފިކުރުކުރަން ޖޭހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. މީގެ އިތުރުން ވިދާޅުވީ އެންމެ މީހަކަށް ޓަކައި މުޅި ގައުމު ފަސާދައިގެ ތެރެއަށް ދޫކޮށެއް ނުލެވޭނެ ކަމަށާއި އެ ހައްގު ރައްޔިތުންގެ މަޖިލީހަށް ވެސް ލިބިގެން ނުވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ފަސް ހިއްސު ދެއްވާފައިވާ ކަމަށާއި އަދި ކޮންމެ ބަޔަކަށް ވެސް އަމިއްލަ ފަރުދީ މިނިވަން ކަމާއި ޖަމާޢަތުގެ މިނިވަން ކަމާއި އާއިލީ މިނިވަން ކަމުގެ އިތުރުން ގައުމީ މިނިވަން ކޮންމެ މީހަކަށް ވެސް ކީރިތި ގުރުއާނުން ލިއްބުވައިދީފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މީ ކީއްވެގެންތޯ މިކަން މިހެން ހުއްޓައި އަޅުގަނޑުމެން އިސްލާމުންނަށްވެ ތިބެ މީނަގެ ފަހަތުން މީނަގެ ދައުވާ ފަސް ކޮށްދޭށޭ ކިޔަމުން ހިނގާކަށް. މުޖިރިމުންނަކީ ކޮން ބައެއްތޯ؟ އެއީ މުޖުރިމުން ނޫން ކޮން ބައެއްތޯ؟ ގާނޫނޫގެ ކުރި މައްޗަށް އަންނާށޭ ބުނީމާ މާތް ﷲގެ ކަލާމްފުޅުގައި އޮތް ގޮތަށް ހަދާށޭ ބުނީމާ އެ ގޮތް ނަހަދާ ދެން އެއީ ކޮން ބައެއްތޯ؟ އަޅުގަނޑު މި ދަންނަވަނީ އެއީ މުޖުރިމުން. ނަޝީދަކީ ކެރިވަޑަގަންނަވާ ބޭފުޅެއް ކަމަށްވާ ނަމަ ޝަރީޢަތަށް ވަޑައިގެން ކުށެއް ނުކުރާ ކަން ސާބިތު ކޮށްދެއްވާ. އަޅުގަނޑުމެން ވެސް އެކަން ކުރީ އެހެން. ކޮންމެހެން ތަނަކަށް ވެދެ ހޮހަޅައަކަށް ވަދެ ފިލައި އޮންނާކަށް ނުޖެހޭ. އަޅުގަނޑުމެން ބުނެ އުޅެނީ މޮޔަ ތަނެއް ދޮރެއް ނުދަންނަ ގެދޮރު ނެތް ފިނޑި އަންހެނަކަށް ވީމާ[އެހެން އުޅޭނީ] ދެން ކޮން ވެރިކަމެއް ކުރާކަށްތޯ ނަޝީދު ތިޔަ އުޅުއްވަނީ. ދެން އަމައްޔާޔޯ ކިޔައިގެން ގޭގައި އޮތީމާވީ ނޫންތޯ." ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގޮތަށް ވާހަކަ ދެއްކުމުގެ ބޭނުމަކީ އެއް ވެސް މީހަކަށް އެއްޗިހި ކިޔުން ނޫން ކަމަށާއި އެހެން ނަމަވެސް ރައީސް ނަޝީދު ޝަރީޢަތަށް ހާޒިރުވެވަޑައިނުގެން އެގޮތަށް އިންޑިއާ ހައިކޮމިޝަން ތެރޭގައި ހުންނެވުމުން އެ ކަމުން ދޭހަވަނީ ރައީސް ނަޝީދު ކުށެއް ކުރައްވާފައިވާ ކަމާއި އަދި އެ ގޮތަށް އަމަލު ކުރެއްވުމުގެ ބޭނުމަކީ ޝަރީޢަތަށް ފިއްލެވުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.