20 Feb 2013, 09:31
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ ކޮރަޕްޝަން މައްސަލައެއް ފުލުހުންނާ ގުޅިގެން ބަލަމުން އަންނަ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީގެ ނާއިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައަކީ މީގެ ކުރިން ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށާއި ފުލުހުންނާ ގުޅިގެން އިތުރަށް އެ މައްސަލައިގައި ބަލަން ޖެހޭ ކަންތައް ބަލަމުން އަންނަ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އޭސީސީ އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުން ގެންދަނީ މާފަންނު ހަނދުވަރީ ހިނގުމުން އެލްސިޔޯން ބޭކަރީ ކައިރީގައި ހުންނަ މ. އޯޝަނިކްވިލާ އިން އިބްރާހީމް އާރިފު އަށް ލިބިފައިވާ މ. އެންޒިއަން ކިޔާ ގެ އަލީ ވަހީދުގެ މަންމަ ޒުހުރާ 7،938،000 ރުފިޔާ އަށް ބައްލަވައިގަތް މައްސަލަ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދުގެ މަންމަ ކުރިން ވިދާޅުވެފައި ވަނީ މާލެ އިން ގޯއްޗެއް ބަލައިވައިގަތީ އަމިއްލަ އާމްދަނީން ލިބޭ ފައިސާއަކުން ނޫން ކަމަށާއި އެ ގޯއްޗަކީ އަލީ ވަހީދުގެ ބައްޕަ ބޯޓް ދަތުރުކުރައްވައިގެން ހޯއްދަވާފައިވާ ފައިސާ އިން ބައްލަވައިގެންނެވި ގޯއްޗެއް ކަމަށެވެ. އެއީ އަލީ ވަހީދު ދެއްވި ފައިސާއަކުން ބައްލަވައިގެންނެވި ގޯއްޗެއް ނޫން ކަމަށް ވެސް ޒުހުރާ ވަނީ ވިދާޅުވެފަ އެވެ.
އަލީ ވަހީދުގެ މަންމަ މާލެ އިން ބައްލަވައިގަތް ގޯތީގެ އިތުރަށް އަލީ ވަހީދުގެ ދެކަނބަލުން ވެސް ހުޅުމާލެ އިން ބީލަމުގެ އުސޫލުން ދެ ބިމެއް ބައްލަވައިގަތެވެ. އެއިން ކޮންމެ ބިމެއްގެ އަގަކީ 4.6 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަލީ ވަހީދުގެ އަނބިކަނބަލުން ބައްލަވައިގެންނެވި ގޯތި ވަނީ ފައިސާ ނުދެއްކެވިގެން ވަނީ ކެންސަލްވެފަ އެވެ.
އެ މައްސަލާގައި އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްސަލައެއް އެ ދެ ފަރާތުން ބަލަނީ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް އިންނަވައިގެން "ބަޣާވާތުގެ" ކަންތައް ފަޅާއެރުވުމުން ކުރާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް އޭސީސީ އަށް ވެސް އަދި ފުލުހުންގެ އިދާރާ އަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން ކޮރަޕްޝަނުގެ މައްސަލައެއް ނެތް ކަން އެނގޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"މިއަދާ ހަމައަށް އޭސީސީއަކުން ވެސް ފުލުހަކުން ވެސް އަޅުގަނޑަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައެއްގައި އެއްވެސް ތާކަށް ދާން އަންގާފައެއް ނެތް. އަންގަންޖެހޭ ސަބަބެއް ވެސް ނޯންނާނެ. ތުހުމަތު ކުރެވޭ ކަމެއް ވެސް ނޯންނާނެ. ދަންނަވަން އޮތް ވާހަކައަކީ އަޅުގަނޑުގެ އަތުގައި ރިމޯޓާއި ނަގުލާ އެބައޮތޭ. އަޅުގަނޑުގެ ރިމޯޓާ ނަގުލާ އެހެން ފިއްތައެއް ނުލެވޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.