19 Feb 2013, 23:58
މި ދަނޑިވަޅު ރާއްޖޭގެ ކަންތައް ގެންދާން ޖެހޭނީ ފަރުވާތެރިކަމާ އެކު ރަނގަޅަށް ކަމަށް ބުނެ، ދިވެހިރާއްޖޭގައި މި ވަގުތު އޮތް ސިޔާސީ ނުތަނަވަސްކަމާއި މާލޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުގެ ހިމާޔަތް ހޯއްދެވުމަށް ރައީސް ނަޝީދު ނިންމެވި ނިންމެވުމާ މެދު ޗައިނާއިން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި ކަމަށް "ދަ ޓައިމްސް އޮފް އިންޑިޔާ" އިން ބުނެފިއެވެ.
"ދަ ޓައިމްސް އޮފް އިންޑިޔާ" ގައި ވާ ގޮތުން ރާއްޖޭގެ ހާލަތާ މެދު ސުވާލު ކުރުމުން ޗައިނާގެ ހާރިޖީ ވުޒާރާއިން ލިޔުމުން ދިން ޖަވާބެއްގައި ބުނަނީ، "ޗައިނާއިން އިހުލާސްތެރިކަމާ އެކު އުންމީދު ކުރަނީ ރާއްޖެއަށް ސުލްހަވެރިކަމާއި ހަމަޖެހުމާއި ތަރައްގީ ދެމެހެއްޓޭނެ ކަމަށް. އަދި އުންމީދުކޮށް ގަބޫލު ކުރަނީ ހާލަތާ ގުޅުން ހުރި މައްސަލަތަކުގެ ކަންތައް ކުރިޔަށް ގެންދާން ޖެހޭނީ ފަރުވާތެރިކަމާ އެކު ރަނގަޅަށް،" ކަމަށެވެ.
މިއީ ރާއްޖޭގައި މި ވަގުތު ހިނގަމުންދާ ކަންތައްތަކާއި އެ ކަންތައްތަކާ ގުޅޭ ގޮތުން އިންޑިޔާގެ ރަސްމީ ފަރާތްތަކުން ބުނަމުން ދިޔަ ވާހަކަތައް ދުވަހުން ދުވަހަށް ބައިނަލްއަގްވާމީ މީޑިޔާގައި ރިޕޯޓު ކުރަމުން ދަނިކޮށް ރާއްޖޭގައި މި ވަގުތު އޮތް ނުތަނަވަސްކަމާ މެދު ޗައިނާއިން އެއްޗެކޭ ބުނި ފުރަތަމަ ފަހަރު ކަން "ދަ ޓައިމްސް އޮފް އިންޑިޔާ" އިން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން އެ ނޫހުގައި ފާހަގަ ކޮށްފައި ވަނީ "ދިވެހިރާއްޖެ އާއި ޝްރީލަންކާގައި ބޮޑެތި އިންވެސްޓްތައް ކޮށްގެންނާއި ބޮޑެތި އެހީތައް ދީގެން އިންޑިޔާގެ [ބެކްޔާޑު]ގައި ޗައިނާއިން ނުފޫޒު ފުޅާކުރަމުން ދާ،" ކަމަށެވެ.
ޗައިނާގެ އެމްބަސީއެއް މާލޭގައި ހުޅުވީ 2011 ވަނަ އަހަރު ކަމާއި، މިއީ ސާކުގެ ގައުމުތަކުން ބޭރު ގައުމެއްގެ އެމްބަސީއެއް ދިވެހިރާއްޖޭގައި ގާއިމު ކުރެވުނު ފުރަތަމަ ފަހަރުކަން ވެސް "ދަ ޓައިމްސް އޮފް އިންޑިޔާ" އިން ފާހަގަ ކޮށްފައިވެއެވެ.
އެ ނޫހުގައި ވާ ގޮތުން ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން ވަރުގަދަ ކޮށްފައިވަނީ މިހާރުގެ ރައީސް މުޙައްމަދު ވަހީދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކުގައެވެ. އަދި މިހާރުގެ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންފައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް "މަޖުބޫރުވެގެން" އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް ވަހީދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއިން ރާއްޖެއަށް 500 މިލިޔަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެފައި ވާ ކަމަށާއި، އަދި މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން އަންނަނީ ޗައިނާއިން ކަމަށް ވުމުން ޗައިނާގެ ނުފޫޒު ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، އެހެން ނަމަވެސް އިންޑިޔާގެ ޖީއެމްއާރު ކުންފުނި ރާއްޖެއިން ބޭރުކޮށްލީ ޗައިނާގެ ނުފޫޒާ ހުރެ ކަމަށް އެއްބަސްވާން ރައީސް ވަހީދުގެ ސަރުކާރުން ދެކޮޅު ހަދަމުން ދާ ކަމަށް ވެސް "ދަ ޓައިމްސް އޮފް އިންޑިޔާ"ގައި ލިޔެފައިވެއެވެ.
އަދި ރާއްޖޭގައި ހުރި އެމެރިކާގެ މަސްލަހަތުތަކުގެ ކަންތައް ބަލަނީ ޝްރީލަންކާގެ ކޮޅުނބުގައި ހުންނަ އެމެރިކާގެ އެމްބަސީން ކަމަށް ވެސް އެ ނޫހުގައި ފާހަގަކޮށްފައިވެއެވެ.