ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކުގެ ކާރުން 160 ފުޅި ރާ ފެނުނު މައްސަލަ ޝަރީއަތަށް ފޮނުވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ރީކޯ މޫސަގެ ކާރުން ރާފުޅިތައް ފެނުނު މައްސަލަ ތަހުގީގު ކުރުމަށް ފަހު މި މަހުގެ ހަ ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.  މައްސަލަ ދިރާސާކުރައްވައި ދައުވާ ކުރާނެ ގޮތަކާއި ފަރާތްތަކެއް ކަނޑައަޅާނީ ޕީޖީ އޮފީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އެ މައްސަލައިގެ ތަހުގީގުގައި ލިބެން ހުރި ހުރިހާ ހެއްކަކާ އެކު ތަހުގީގު ނިންމައި މައްސަލަ ފޮނުވީ. އިތުރަށް ދިރާސާ ކުރަން ޖެހޭނެ ނަމަ އެ ގޮތެއް ވެސް ކަނޑައަޅުއްވާނީ ޕީޖީން،" ޝިޔާމް ވިދާޅުވި އެވެ.


ރީކޯ މޫސަގެ ކާރުގެ ޑިކީ ތެރެއިން ބަނގުރާ ފެނިފައި ވަނީ ފެބުރުއަރީ 23، 2010ގައި މ. ކުރަހާގޭ ކައިރިންނެވެ. އެ ރާފުޅިތަކާ އެކު ހަތަރު ބިދޭސީއަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ސްރީލަންކާގެ ތިން މީހަކާއި އިންޑިޔާގެ މީހެކެވެ. އޭގެ ތެރޭގައި މޫސަގެ ކާރުގެ ޑްރައިވަރު ވެސް ހިމެނެ އެވެ.


މޫސަގެ ކާރުން ގިނަ އަދަދެއްގެ ރާ ފުޅިތަކެއް ފެނުމާ ގުޅިގެން ބައެއް މީހުން ވަނީ އެ ރާ ފުޅިތަކާއި ކާރު ބާއްވާފައި އޮތް ފުލުހުންގެ އިސްކަންދަރު ކޮށި 2 ކައިރި އަށް އެއްވެ މޫސަ ހައްޔަރުކުރުމަށް އެދި އަޑު ވެސް އުފުލައިފަ އެވެ.