ސްރީލަންކާގައި 26 އަހަރުވަންދެން އަހުލީ ހަނގުރާމައެއް ކުރި ޕްރަބާކަރަންގެ 12 އަހަރުގެ ފިރިހެން ދަރިފުޅު، ދިރި ހުއްޓައި އަދި އޭގެ ފަހުން މަރާލާފައި އޮތް ފޮޓޯތަކެއް އާންމުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕްރަބާކަރަންގެ ދަރިފުޅު، ބާލާޗަންދުރަން މަރާލުމުގެ ކުރިން ނަގާފައިވާ ފޮޓޯތަކަކީ އެއް ކެމެރާއަކުން ނަގާފައިވާ ފޮޓޯތަކެކެވެ. މިކަން ވަނީ ޑިޖިޓަލް ފޮޓޯތައް ތަހުލީލު ކުރުމުގެ ތަޖްރިބާ ލިބިފައިވާ ފޮރެންސިކް ޕެތޮލޮޖިސްޓަކު ކަށަވަރުކޮށްދެއްވާފައި ކަމަށް އިނގިރޭސިވިލާތުގެ "ދަ އިންޑިޕެންޑެންޓް" ގައި ވެއެވެ. އެއް ފޮޓޯ އިން ފެންނަނީ އެ ކުއްޖާ ސްރީލަންކާ ސިފައިންގެ ބަންކަރެއްގެ ތެރޭގައި އެއްޗެއް ކާން އިންނަ ތަނެވެ. އަދި އޭގެ މަދު ގަޑި ކޮޅެއްގެ ފަހުން ފެންނަނީ އެ ކުއްޖާގެ ހަށިގަނޑު ބިންމަތީގައި ވެއްޓިފައިވާ އިރު، މޭގެ މަތިން ފަސް ތަނަކަށް ވަޒަން އަރާފައިވާ ތަނެވެ.

އެ ފޮޓޯ ނަގާފައި ވަނީ 2009 ވަނަ އަހަރު ލަންކާގެ އަހުލީ ހަނގުރާމަ ނިމުނުތަނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންކަމުން ބާލަޗަންދްރަން މަރުވެފައިވަނީ ހަނގުރާމައިގެ މައިދާނުގައި ނޫން ކަމާއި އޭނާ މަރާލާފައި ވަނީ ދިރިހުއްޓައި ހައްޔަރު ކުރުމަށް ފަހު ކަން އެނގޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ހަނގުރާމައިގެ މައިދާނުން ވިޔަސް ދިރިހުއްޓައި މީހަކު އަތުލައިގަނެވުމަށް ފަހު، ޝަރުއީ މަރުހަލާއަކުން ހުކުމް އައިސްގެން ނޫން ގޮތަކަށް މީހަކު މަރާލުމަކީ އިންސާނިއްޔަތާ ހިލާފު ބޮޑު ޖަރީމާއެކެވެ.

ރަސްމީ ފަރާތްތަކުން މިހާތަނަށް ބުނަމުން އައިސްފައި ވަނީ ބާލާޗަންދުރަން މަރުވެފައި ވަނީ، ދެ ފަރާތުން ބަދަލު ކުރި ހަމަލާތަކުގައި ޕްރަބާކަރަންގެ ބާރު އެންމެ ވަރުގަދަ ރަށް މުއްލާޓިވް ސަރަހައްދުން ކަމަށެވެ. – މައުލޫމާތު / އެޖެންސީތައް