ރައީސް މުހައްމަދު ނަޝީދުގެ ހިމާޔަތުގައި އެމްޑީޕީން މާލޭ ތެރޭގައި ކުރިއަށް ގެންދާ މުޒާހިރާގައި ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކަށް މުއްދަތު ޖަހާފައިވާ އިރު އޭގެތެރެއިން ފަސް މީހަކަށް ދެ މަސް ދުވަސް ވަންދެން ގްރޫޕް ހަދައިގެން ނޫޅެވޭނެ ކަމަށް ކޯޓުން ކަނޑައަޅައި ދޫކޮށްލައިފި އެވެ.

އެމްޑީޕީން ރޭ މާލޭ ތެރޭގައި ކުރިއަށް ގެންދިޔަ މުޒާހިރާގެ ތެރޭގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން ހައްޔަރުކުރި ކުޑަ ކުއްޖެއްގެ އިތުރުން ނުވަ މީހުން ހައްޔަރުކޮށްފައިވާ އިރު އެ ކުޑަ ކުއްޖާ ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލައިފަ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހިރާގެ ތެރެއިން ރޭ ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތަށް 10 ދުވަސް އަނެއް ދެ މީހުންގެ ބަންދުގެ މުއްދަތަކަށް 15 ދުވަސް ވަނީ ޖަހައިދީފަ އެވެ. އަދި ބާކީ ތިބި ފަސް މީހުން މިރޭ ކޯޓުން ދޫކޮށްލީ ކުރިއަށް އޮތް ދެ މަސް ދުވަސް ވަންދެން އެ ފަސް މީހުން ކުރެ އެއްވެސް މީހަކަށް ގްރޫޕް ހަދައިގެން އެއްވެސް ހަރަކާތެއް ނުހިންގުމަށް ޝަރުތުކޮށެވެ.

ފުލުހުން ބުނީ ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ މުއްދަތު ކޯޓުން ޖަހާދީފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.

އެމްޑީޕީން ރޭ މާލެ ތެރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރޭގައި ސޯސަންމަގު ކަންމަތީ މަޖީދިއްޔާ ސްކޫލް ކައިރީގައި ބެރިކޭޑް ޖަހައިގެން ތިބި ފުލުހުންނާ ދިމާއަށް މުޒާހަރާގެ ތެރެއިން ބަޔަކު ވަނީ ބިއްލޫރި ފުޅި އުކާފަ އެވެ.