ތެހެރާން (ފެބްރުއަރީ 19: ފަރަންސޭސިވިލާތުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ ހަގީގަތް އޮޅުވާލުމަށް މަސައްކަތްކުރާ ކަމަށް އީރާނުން ތުހުމަތުކޮށްފި އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ރަމޭން މެހްމާބްރާސްތު ވިދާޅުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ ޙަޤީޤަތް އޮޅުވާލުމަށް ހުޅަނގުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ފަރަންސޭސިވިލާތުން ވެސް މަސައްކަތް ކުރަމުން ގެންދާކަމަށާއި މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމުގަ އެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމްގެ ޙަޤީޤަތް އޮޅުވާލައި އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ހުޅަނގުން ތުހުމަތު ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށްވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވި އެވެ. އީރާނުގެ ތަރްޖަމާން ވިދާޅުވީ އީރާނަށް ލިބިފައިވާ ނިއުކްލިޔަރ ޙައްޤުތަކަށް، ހުޅަނގުގެ ތުހުމަތުތަކާއި ފިއްތުންތަކުގެ ސަބަބުން ކުޑަ ނަމަވެސް އުނިކަމެއް އައުމުގެ ފުރްސަތު ނުދޭނެ ކަމަށާއި އަދި އެއްވެސް ބަހަނާއެއްގައި ނިއުކްލިޔާ ޕްރޮގްރާމަށް މަޑުޖެހުމެއް ގެނައުމުގެ ފުރްސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމުގަ އެވެ.

އީރާނުން މިހެން ބުނެފައި މި ވަނީ އީރާނުގެ ނިއުކްލިއާ މަޝްރޫޢުގެ ސަބަބުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ފަރަންސޭސި ދިފާޢީ ވަޒީރު ޖޮންޔީވްސް ލޮޑްރިއާން ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ. ލޮޑްރިޔާން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އަބޫދާބީގައި ކުރިޔަށްދާ ސަމިޓެއްގައި ދެއްވި ބަޔާނެއްގަ އެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާމެދު ގަލްފުގެ ޢަރަބި ގައުމުތައްވެސް ބިރުގަންނަވަނީ އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް ކަމަށް އީރާނުން ބުނެ އެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް އެގައުމަށް މަޖްބޫރު ކުރުވުމުގެ ގޮތުން އެމެރިކާއާއި ޔޫރަޕުން ވަނީ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އީރާނާ ދެކޮޅަށް އަޅާފަ އެވެ. ނަމަވެސް މިފިޔަވަޅުތަކުން އީރާން އިނދަޖައްސާލުމުގައި ހުޅަނގަށް ކާމިޔާބު ލިބިފައެއް ނުވެ އެވެ.

އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރާ އެމެރިކާއާއި އިސްރާއީލާ އަދި ޔޫރަޕްގެ ބާރުތަކަކީ ނިއުކްލިޔަރ ހަތިޔާރު އުފައްދާފައިވާ އަދި ދުނިޔެއިން ނިއުކްލިޔާ ހަތިޔާރު ނައްތާލުމަށް އދ. ން ގޮވާލާ ގޮވާލުން ތަކަށް ދެކޮޅުހަދާ ގައުމުތަކެވެ. (ނޫސްއެޖެންސީތައް)