ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއަން ހައިކޮމިޝަނުގައި ހުންނެވުމާ ގުޅޭ ގޮތުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑީއެމް މުލޭ އަށް މާލެ ސިޓީ ކައުންސިލުން ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑިޕީގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލްގެ މެންބަރުން މިއަދު ހަވީރު އިންޑިއަން ހައިކޮމިޝަނަށް ވަޑައިގަތުމަށް ފަހު އެތާގެ ބޭރުގައި ހުންނަވައިގެން މާލެ ސިޓީގެ މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) ވިދާޅުވީ މުލޭ އަށް އެ ކައުންސިލުން ފޮނުވާފައިވާ ސިޓީއަކީ ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަނުގައި ހުންނެވުމާ ގުޅޭ ގޮތުން އެ ކައުންސިލުން ފާސްކޮށްފައިވާ ނިންމާގުޅޭ ސިޓީއެއް ކަމަށެވެ. އަދި އެ ސިޓީ އިންޑިއާ ސަރުކާރަށް ހަވާލުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ވެސް އަލިބެ ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު އިންޑިއަން ހައިކޮމިޝަނަށް ރައީސް ނަޝީދު ވަޑައިގެންފައި ވަނީ އެމަނިކުފާނު ހައްޔަރުކޮށް ގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް އަމަރު ނެރިފައިވަނިކޮށެވެ.

ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަން ތެރޭގައި ހުންނަވާތާ މިއަދަށް ހަ ދުވަސް ވެފައިވާ އިރު މާދަމާ އޮންނަ ޝަރީއަތަށް ވެސް ހައްޔަރުކޮށްގެން އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުނެރިފަ އެވެ.

ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން ކުރާ ދައުވާގެ ޝަރީއަތަށެވެ.