މިހާތަނަށް ރާއްޖޭގައި ބޭއްވުނު ޖީސީއީ އޯލެވެލް އިމްތިހާންތަކަގެ ނަތީޖާ އަށް ބަލާ އިރު ރާއްޖެ އިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ މިދިޔަ އަހަރު ބޭއްވި ޖީސީއީ އޯލެވެލް އިންތިހާނުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ ޔުނިވާސިޓީ އެޑިއުކޭޝަން ފެއާ ހުޅުވުމަށްޓަކައި ދަރުބާރުގޭ ރަންނަބަނޑޭރީ މާލަމުގައި މިއަދު ހަވީރު ބޭއްވި ރަސްމީއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު އާސިމް ވިދާޅުވީ އޯލެވެލް އިންތިހާންތަކުގެ ނަތީޖާ އެއްް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުން އައުމުގެ ނަތީޖާ އަކަށް ވެގެން ދާނީ މަތީ ތައުލީމަށް ދާން ބޭނުންވާ ކުދިންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުން ދިއުން ކަމަށެވެ. އަދި ގިނަ އަދަދެއްގެ ކުދިން މަތީ ތައުލީމަށް ދާން ބޭނުންވި ކަމުގައި ވިޔަސް ރާއްޖޭގައި އެ ފުރުސަތު ވަރަށް މަދު ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.

"ރާއްޖޭގެ ތަޢުލީމީ ހަޔާތް އެއް ދުވަހުން އަނެއް ދުވަހަށް މިދަނީ ކުރިއަރަމުން. ވޭތުވެދިޔަ އަހަރުގެ އޯލެވެލް ހެދި ކުދިންގެ ނަތީޖާތައް އަޅުގަނޑުމެންނަށް ލިބުނު އިރު މިވަނީ ދުވަހަކު ވެސް އަޅުގަނޑުމެންނަށް ނުލިބޭ ވަރުގެ ކުރިއެރުން ލިބިފައި. އަޅުގަނޑުމެންގެ އޯލެވެލްގެ ދަރިވަރުން މިފަދަ ކާމިޔާބީ އެއް ހޯދުމުގެ ނަތީޖާ އަކަށް ވެގެން ދާނީ އެކުދިން ދެން މަތީ ތައުލީމަށް ދެން އަމާޒް ހިފުން. މަތީ ތަޢުލީމަށް އަމާޒް ހިފާއިރު އަޅުގަނޑުމެންގެ ރާއްޖޭގައި މަތީ ތަޢުލީމަށް ލިބެން ހުރި މިންވަރު އަދި ވެސް އިތުރަށް އެބަ ޖެހޭ ފުޅާ ކުރަން. އަދި ރާއްޖެ އިން ބޭރުން ލިބޭ ފުރުސަތުތައް ވެސް އެބަ ޖެހޭ އިތުރު ކުރަން،" އާސިމް ވިދާޅުވި އެވެ.

ކިޔަވާ ކުދިންގެ މުސްތަގުބަލު ވަނީ ބެލެނިވެރިންގެ އަތްމަތީގައި ކަމަށާއި އެ ކުދިންނަށް ބެލެނިވެރިން ރަނގަޅު މަގު ދައްކައި ދޭން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލް ނިންމާފައި ދަރިވަރުން ކޯސްތައް އިހްތިޔާރު ކުރާއިރު ރާއްޖޭގައި ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކަށް ބަލައިގެން ކޯސްތައް އިހްތިޔާރު ކުރުމަށް ދަރިވަރުންނަށް އެހީތެރިވުމަށް ވެސް އާސިމް ވަނީ ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ ދަރިވަރުންގެ މުސްތަގުބަލް ވަނީ ބެލެނިވެރިންގެ ވެސް އަތް މަތީގައި. ދަރިވަރުން ކޯސްތައް އިހްތިޔާރު ކުރާ އިރު ވަޒީފާގެ ފުރުސަތުތަކަށް ބަލައިގެން ކޯސްތައް އިހްތިޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެއް. ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތަކަށް ކޯސްތައް އިހްތިޔާރު ކުރުމަކީ ރަނގަޅު ދިރިއުޅުމެއް ކުރިއަށް ތާނގައި ބައްޓަން ކުރެވިދާނެ ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ހަވީރު ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ހުޅުވި ޔުނިވާސިޓީ ފެއާ އަކީ ގްލޯނެޓާއި ރާއްޖެ އިން ބޭރުގެ ޔުނިވާސިޓީތަކާއި ކޮލެޖްތައް ގުޅިގެން ބާއްވާ ފެއާ އެކެވެ. މިއީ ގްލޯނެޓްގެ ފަރާތުން ރާއްޖޭގައި މި ފެއާ ބާއްވާ 12 ވަނަ ފަހަރެވެ.

މިފަހަރު މި ބޭއްވޭ ފެއާގައި ރާއްޖެއާއި ރާއްޖެއިން ބޭރުން އަށް ޔުނިވާސިޓީ އެއް ބައިވެރިވެފައިވެ އެވެ. ފެއާ ކުރިއަށް ދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކަމަށް ގްލޯނެޓް އިން މައުލޫމާތު ދެ އެވެ.