19 Feb 2013, 19:25
ވޭތުވެ ދިޔަ ދެ އަހަރު ދުވަހެކޭ އެއްފަދައިން މިއަހަރުގެ ފުޓްބޯޅަ ސީޒަނަށްވެސް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ސްޕޮންސާ ކޮށްފި އެވެ.
މިއަދު މެންދުރުފަހު މާފަންނު މަޒާޑާ ކެފޭގައި އޮތް ހަފްލާއެއްގައި އޭޑީކޭގެ ފަރާތުން ސްޕޮންސާޝިޕް އެއްބަސް ވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މާކެޓިން މެނޭޖަރު މުހައްމަދު ޖިނާން އެވެ. އަދި އެ އެއްބަސް ވުމުގައި މާޒިޔާގެ ފަރާތުން ސޮއިކުރެއްވީ އެޓީމުގެ ވައިސް ޗެއާމަން އޮފް ސްޕޯޓްސް އިބްރާހީމް ވަހީދު އެވެ.
މިއަދު އޭޑީކޭއާއި މާޒިޔާއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މާޒިޔާގެ ޖާޒީގެ ފަހަތުގައި އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވަނީ އޭޑީކޭއިން ރާއްޖެއަށް އެތެރެކޮށް މާކެޓްކުރާ ސައިފަތެއް ކަމަށްވާ ޓީ-ސިޕްސް އެވެ.
އޭޑީކޭގެ މާކެޓިން މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ ގައުމީޓީމުގެ ގިނަ ކުޅުންތެރިންތަކާއި އެކު މާޒިޔާއިން މިފަހަރު މިދިޔަ އަހަރަށްވުރެ ރަނގަޅު ކާމިޔާބެއް ހޯދާނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށާއި އަދި އެ ކުލަބަށް އޭފްސީގައި ކުޅުމުގެ ފުރުސަތު ލިބުމުން އުފާ ކުރަށްވާ ކަމަށެވެ. އަދި އޭއެފްސީގައި މާޒިޔާ ބައިވެރިވާތީ އޭގެ ސަބަބުން އެކުންފުނިން މާޒިޔާ މެދުވެރިކޮށް އިޝްތިހާރު ކުރާ ތަކެތި ބޮޑަށް ހުޅުވިގެން ދާނޭކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މާޒިޔާގެ ފަރާތުން އިބްރާހީމް ވަހީދު ވިދާޅުވީ އޭޑީކޭއާއި ދެމެދު ވެވުނު އެއްބަސް ވުމުގެ ދަށުން އެކުންފުނީގެ ޕްރޮޑަކްޓްސް ތައް އިޝްތިހާރު ކުރުމަށް ޓީމުގެ ކުޅުންތެރިން ބޭނުން ކޮށްގެނާއި އަދި އެހެނިހެން ގޮތްގޮތުންވެސް ވެދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި އަދި އޭޑީކޭއިން ވެދެއްވާ އެހީތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
އޭޑީކޭގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ވަނީ މިއަހަރު ޝީޝާ އާއި އަދި އެސްޓީއޯ އާއި އެކުވެސް ސްޕޮންސާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.