ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ހެއްދެވުމަށްޓަކައި މާލޭ ސަރަޙައްދުގައި ޔޮޓްމެރީނާއެއް ގާއިމް ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

މިކަން މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ކަނޑައެޅުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި ސަފާރީ ޔޮޓްގެ ގޮތުގައި މިހާރު ބޭނުންކުރާ 140 އަށްވުރެ ގިނަ އުޅަނދު އޮތްކަމާއި އަދި ކޮންމެ އަހަރަކު މި ސިނާއަތަށް ފަސް އުޅަނދު އިތުރުވެގެންދާކަން ފާހަގަކުރެއްވި އެވެ.

ސަފާރީ ޔޮޓްތައް އިތުރުވަމުންދިޔުމާއި އަދި މިއީ ރާއްޖެއަށް އެންމެ ގިނައިން ބޭރުފައިސާ ވަންނަ އެއްދޮރު ކަމަށްވުމާ އެކު ސަފާރީ ޔޮޓްފަހަރަށް ރައްކާތެރި ބަނދަރެއް ކަނޑައެޅުމަކީ ރާއްޖެއަށް އިގުތިސާދީ ގޮތުން ވެސް ގިނަ ގުނަ ފައިދާތަކެއް ލިބޭނެ ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ވިދޅުވި އެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުން ނިންމެވީ ޔޮޓްމެރީނާއެއް ގާއިމް ކުރުމުގެ މަސައްކަތް ބީލަމަށް ހުޅުއްވާލައްވައިގެން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް އެމަސައްކަތް ހަވާލުކުރެއްވުމަށެވެ.