19 Feb 2013, 17:46
އދ. ފެންފުށީ ގޯއްޗެއްގެ ވާރިސުންގެ އިނގިލީގެ ނިޝާން "ވަގަށް" ނަގައިގެން ޝަރީއަތެއް ނުހިންގައި ހުކުމްކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބަލަން ފަށައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް އެ މައްސަލަ ހުށަހަޅާފައިވާތާ އެއް އަހަރާ ގާތް ވެފައިވަނިކޮށް، ކޮމެޓީން މިއަދު އެ މައްސަލަ ބަލަން ފެށީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެންބަރަކު ސޮއިކޮށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. ޕެޓިޝަންގައި ބުނަނީ ފެންފުށީ ކޯޓުން ޝަރީއަތެއް ނުހިންގައި ހުކުމް ކުރި ކަމަށް ބުނާ މައްސަލަ ކޮމެޓީން ބަލަން ފެށުމަށެވެ.
ޝަރީއަތެއް ނުހިންގައި ހުކުމް ކުރި ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް ކޮމެޓީ އަށް ހުށަހެޅުއްވި ފެންފުށީ މުހައްމަދު ޔޫސުފު މިއަދު ބޭއްވި ކޮމެޓީގައި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކި އެވެ. ޔޫސުފް ބުނީ އޭނާގެ ދެބެންގެ ދެ ދަރި އިބްރާހިމް އިސްމާއިލްގެ މަރުވުމާ ގުޅިގެން އޭނާގެ ގޯތި، އެއްގަމުގޭގެ ވާރިސުންނަށް ބެހުމަށް ޖެނުއަރީ 11، 2000ގައި ރަށު ކޯޓުން ހުކުމް ކުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން، އެއްގުމުގޭ ފަސް ވާރިސުންގެ ތެރެއިން ތިން ވާރިސަކު ނިދާފައި ތިއްބައި އިނގިލީގެ ނިޝާން ވަގަން ނަގައިގެން ބަޔާނެއް ތައްޔާރުކޮށް، ކޯޓުގައި ޝަރީއަތް ހިންގި ކަމަށް ބުނެ، ގަޟިއްޔާއެއް ނިންމާފައިވާ ކަމަށެވެ.
މުހައްމަދު ޔޫފުސް ބުނީ ވާރިސުންގެ މުދާ ބަދަލު ކުރެވޭނީ އަދުލުވެރި ހެކީންގެ ހާޒިރުގައި ކަމަށާއި ނަމަވެސް ފެންފުށީ ކޯޓުން ނިންމި މައްސަލައަކީ ހެއްކެތް ނެތި ޝަރީއަތަކާ ނުލައި ނިންމާފައިވާ ގަޟިއްޔާއެއް ކަމަށެވެ.
މުހައްމަދު ޔޫސުފް ބުނީ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް ފެންފުށީ ކޯޓުން އެ މައްސަލަ ނިންމި ފަނޑިޔާރު މުސްކުޅިކޮށްފައިވާ ކަމަށް ބުނެ، އެ މައްސަލަ ޖޭއެސްސީން ބޭރު ކުރި ކަމަށެވެ. ނަމަވެސް އަނެއްކާ ވެސް އެ މައްސަލަ ހުށަހެޅުމުން އެކަން ކުރިއަށް ނުގޮސް ޖޭއެސްސީ ތެރޭގައި އެ މައްސަލަ ހުއްޓިފައިވާ ކަމަށް އޭނާ ބުންޏެވެ.
ރަށު ކޯޓުން ނިންމި މައްސަލަ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހައި ކޯޓުގައި އިސްތިއުނާފު ކުރި ކަމަށް މުހައްމަދު ޔޫސުފް ބުންޏެވެ. އަދި ފުރަތަމަ ފަހަރަށް ރަށު ކޯޓު ހުކުމަށް ތާއިދުކޮށް ހައި ކޯޓުން ހުކުމް ކުރުމުން އެ މައްސަލާގައި އޭރުގެ ރައީސް އޮފީހުން އެދިގެން ދެ ފަހަރެއްގެ މަތިން ހައި ކޯޓުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. ހައި ކޯޓުން ނިންމި މައްސަލަ ވެސް ނިންމާފައި ވަނީ އޭނާއާ ދެކޮޅަށް ކަމަށް މުހައްމަދު ޔޫފުސް ވިދާޅުވި އެވެ.
އޭނާ ބުނީ ފެންފުށީ ކޯޓުގެ ހުކުމަށް ތާއިދުކޮށް ތިން ފަހަރެއްގެ މަތިން ހައި ކޯޓުން އެ މައްސަލަ ބެލިއިރު ވެސް ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ މިހާރުގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދާއި ފަނޑިޔާރު އަލީ ހަމީދެވެ.
މުހައްމަދު ޔޫސުފް ވިދާޅުވީ އެ މައްސަލާގައި އަދުލުވެރި އިންސާފެއް ނުލިބިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވެސް އެ މައްސަލަ ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެ މައްސަލަ ޝަރުއީ ކޯޓުތަކާއި މިނިވަން މުއައްސަސާތަކުން ބެލުމަށް ހުރަސްއަޅުއްވަނީ ނުފޫޒު ގަދަ ފަނޑިޔަރުންތަކެއް ކަމަށް ޔޫސުފް ތުހުމަތު ކުރެއްވި އެވެ.
މުހައްމަދު ޔޫސުފް ވިދާޅުވީ އެ މައްސަލަ ރަނގަޅަށް ބައްލަވައިފި ނަމަ، އެއީ އަދުލުވެރި ނޫން ހުކުމެއް ކަން ސާބިތުވާނެ ކަމަށެވެ.
މުހައްމަދު ޔޫސުފް ކޮމެޓީގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ޝަރުއީ ކޯޓުން ފެންފުށީ އެއްގަމުގޭ ގޯތީގެ މައްސަލަ ނިންމާފައި ވަނީ އިންސާފުވެރިކޮށްތޯ ނުވަތަ ނޫންތޯ ކަނޑައެއްނާޅާނެ ކަމަށެވެ. ކޮމެޓީން އެ މައްސަލަ ބަލާނީ އެކަމުގައި ޒިންމާވާން ޖެހޭ މިނިވަން މުއައްސަސާތަކުން މިހާތަނަށްކޮށްފައިވާ ކަންތައްތައް ކަމަށެވެ.