19 Feb 2013, 17:42
މި އަހަރު ރިޔާސީ އިންތިހާބު ބޭއްވުމުގެ ވަގުތު ޖެހޭ އިރު އެތައް ހާސް ބަޔަކު މަގުތައް މައްޗަށް ނިކުމެ މުޒާހަރާ ކުރަމުންދާ ކަމަށްވާ ނަމަ އިންތިހާބު ބާއްވާނެ އެކަށީގެންވާ މާހައުލެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ސަން އޮންލައިނަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުްއެއްގައި މިއަދު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މާލެތެރޭގައި އޮތް ހަލަބޮލިކަން ހައްލުކުރަން ޖެހޭނެ ކަމަށެވެ.
"މި މާހައުލު ބަދަލުވާން އެބަޖެހޭ. އިންތިހާބެއް ބާއްވަން އެކަށީގެންވާ ވަރުގެ މާހައުލެއް އޮތްކަން އަޅުގަނޑުމެން ކަށަވަރު ކުރަން އެބަޖެހޭ. މިހާރު މި އޮތް ގޮތަށް އެތައް ހާސް ބަޔަކު މުޒާހަރާ ކުރާކަމަށްވާ ނަމަ [އިންތިހާބު ބޭއްވޭވަރުގެ] މާހައުލެއް އޮތް ކަމަކަށް ނުބެލެވޭނެ،" ފުއާދު ތައުފީގު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ މާލެ ތެރޭގައި އެތައް ބަޔަކު އެއްވެ މުޒާހަރާ ކުރަމުންދާ ކަމަށްވާ ނަމަ ކެންޑިޑޭޓުނަށް މިނިވަންކަމާ އެކު ކެމްޕޭން ކުރުމަކީ އެޅިގެންދާނެ ހުރަހެއް ކަމަށާއި އިންތިހާބު ބާއްވަމުންދާ ވަގުތު ވެސް މުޒާހަރާ ކުރަމުންދާ ކަމަށްވާ ނަމަ އިންތިހާބެއް ބޭއްވޭނެ މަހައުލު ކަށަވަރުކޮށްނުދެވޭނެ ކަމަށެވެ.
ފުއާދު ވިދާޅުވީ މާލެ ތެރޭގައި އޮތް ފަދަ ހާލަތެއް އިންތިހާބު ބާއްވަން ޖެހޭ ދުވަހު ދުވަސްވަރު ވެސް އޮވެއްޖެ ނަމަ އިންތިހާބު ބޭއްވޭނެ އެކަށީގެންވާ ވަރުގެ މާހައުލެއް އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށާއި އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުގައި އެވަގުތެއްގައި ނިންމަ ޖެހޭ ނިންމުމެއް ނިންމާނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހުގަ ކަމަށެވެ.
"ވަރަށް ވިސްނުންތެރިކަމާ އެކު މިކަމުގައި އަޅުގަނޑުމެން އަމަލުކުރާނީ. މިކަމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުނަސް އަދި އެހެން ކަމެއް ކުރިއަސް ގައުމުގެ މަސްލަހަތު ނުބައި ނުވާނެ ގޮތަކަށް ބަލާފައި އަޅުގަނޑުމެން ކޮންމެ ކަމެއްވެސް ކުރަން ބޭނުންވަނީ،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރެވި އިންތިހާބެއް ބޭއްވޭނެ ގޮތަށް މާހައުލު ބައްޓަން ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
"ހުރިހާ ފާރާތްތަކުން ވެސް، ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް މި މަޝްވަރާތަކުގައި ބައިވެރިވާން އެބަޖެހޭ. ބައިވެރިވެގެން ހައްލުތައް ހޯދަން އެބަޖޭ. ކޮންމެ ކަމެއްގައި ވެސް ހައްލުހޯދޭނެ. ތަޅާފޮޅުމަކީ އެއްވެސް ބަޔަކު މޮޅުވާނެ ކަމެއް ނޫން،"
މީގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި ގިނަ އަދެދެއްގެ ބަޔަކު މުޒަހަރާ ކުރަމުންދިއުމުން އެއީ ކޮންމެ ވެސް މައްސަލައެއް އެ މުވައްސަސާއެއްގައި ނުވަތަ އެ ދާއިރާއެއްގައި އުޅޭތީކަން ގަބޫލުކޮށްގެން އެކަން ކަމަށް ބައްލަވާ އަޅުއްވާ ފިޔަވަޅެއް ކޮންމެ ތަނަކުން ވެސް އެޅުއްވުމަކީ މިނިވަން އިންތިހަބާކަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ގާނޫނު އަސާސީގައި ބުނަނީ އިންތިހާބެއްގައި ރައްޔިތުނަށް މިނިވަންކަމާ އެކު ވޯޓުލެވޭނެ ކަން އިލެކްޝަންސް ކޮމިޝަނުން ޔަގީންކޮށްދޭން ޖެހޭނެ ކަމަށެވެ.