19 Feb 2013, 17:35
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިމާޔަތުގައި އެމްޑީޕީން މާލޭ ތެރޭގައި މުޒާހަރާ ކުރަމުން ދިޔަ ނަމަވެސް މާލެ އާއި އަތޮޅު ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރޭގަނޑުގެ ވަގުތުތަކުގައި އެމްޑީޕީން މާލެ ތެރޭގައި މުޒާހަރާ ކުރަމުންދާ އިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި މާލެތެރެ ޕެޓްރޯލްކުރުމުގެ މަސައްކަތް އާއްމު އުސޫލުތަކުގެ މަތިން ކުރިއަށް ގެންދާ ކަމަށެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންނާއި ކެޕިޓަލް ޕޮލިހާއި ޓްރެފިކް ޕޮލިސްގެ ފުލުހުން ހަރަކާތްތެރިވާއިރު މާލޭ ސިޓީގެ ޕޮލިހުން މާލެތެރެ ބެލެހެއްޓުން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އަތޮޅުތަކުގެ ފުލުހުންގެ ވެސް ހަމަ އެ އުސޫލުން އަތޮޅުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމްޑީޕީން ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި ފުލުހުންގެ އިތުރުން ބައެއް އާއްމުންނަށް އަނިޔާވެފައިވާ އިރު މުޒާހަރާތަކާ ގުޅިގެން ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރި ބައެއް މީހުން އަދި ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށު އެވެ.
އެގޮތުން ރޭގެ މުޒާހަރާއާ ގުޅިގެން ކުޑަ ކުއްޖަކާ އެކު ނު މީހަކު ހައްޔަރުކޮށްފައިވާ އިރު ކުޑަ ކުއްޖާ ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.