މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު އުވާލައްވައި އެކަން އެ ބޯޑަށް އަންގަވައިފި އެވެ.

އެމްޕީއެލް ބޯޑް މެންބަރު ހ. ތެމާ މުހައްމަދު ޝިޔާމު މިއަދު ސަން އަށް ވިދާޅުވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގުޅުއްވައި ބޯޑް އުވާލެއްވިކަން އެންގެވި ކަމަށެވެ.

ޝިޔާމު ވިދާޅުވީ މިއަދު މެންދު ފަހު ދެގަޑިބައިކަން ހާއިރު ރައީސް އޮހުން ގުޅުއްވައި އެމްޕީއެލްގެ ބޯޑު އުވާލެއްވިކަން އިއުލާން ކުރެއްވި ނަމަވެސް ބޯޑު އުވާލެއްވި ސަބަބު ރައީސް އޮފީހުން ނާންގަވާ ކަމަށެވެ.

އެބޯޑު އުވާލެއްވިކަން އަދި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ނުކުރައްވަ އެވެ.

އަށް މެންބަރުންގެ އެމްޕީއެލް ބޯޑުގައި ތިއްބަވަނީ އެމްޕީއެލްގެ މެނޭޖިންޑައިރެކްޓަރު އަދި ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިރު މަހުދީ އިމާދާއި ހ. ތެމާ މުހަންމަދު ޝިޔާމާއި ށ. ކޮމަންޑޫ ހިޔަލީގޭ އަބްދުލްމަތީން އަހުމަދާއި އިބްރާހިމް ޒަކީ (ހަޒާޝް ޒަކީ) އާއި ސ. ހުޅުދޫ ރިޔާޒާއި މ. މީދުއްފަރު އަހުމަދު ނާސިރާއި ދަފްތަރު ހުސައިން އަރީފާ އަދި މުހަންމަދު ހާޝިމެވެ.

އެމްޕީއެލްގެ ބޯޑު ރައީސް އުވާލައްވާފައި އެ ބޯޑު މެންބަރު މުހައްމަދު ޝިޔާމް ވަކިކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސް އަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ. އޭނާ ބޯޑުން ވަކި ކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސަށް ހުށަހެޅުއްވީ އެ ކޮމިޝަނަށް ބޭނުންވާ، ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ލިޔުންތަކެއް ނުދިން ކަމަށް ކުރާ ތުހުމަތަކާ ގުޅިގެންނެވެ.

އެ މައްސަލައިގެ އިތުރުން އެމްޕީއެލްގެ މެނޭޖިންޑައިރެކްޓަރު އަދި ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިރު މަހުދީ އިމާދަށް 120،000ރ. އާއި 130،000ރ.ގެ މުސާރައެއް ބޯޑުން ކަނޑައެޅި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ މީޑިއާގައި ފެންމަތިވެފަ އެވެ.