19 Feb 2013, 16:51
ދިވެހިރާއްޖެ އަކީ މުދަލުގެ ގިނަ ބާވަތްތައް ބޭރު ގައުމުތަކުން އިމްޕޯޓް ކޮށްގެން ދިރިއުޅޭ ގައުމަކަށް ވީ ހިނދު ރާއްޖެއަށް މުދާ އެކްސްޕޯޓް ކުރުމަށް ޕާކިސްތާނު، ރާއްޖޭގެ ވިޔަފާރި ވެރީންނަށް ހުޅުވައިލާން އެބަ ޖެހޭކަމަށް ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ދިވެހި ސަފީރު ޑރ. އައިޝަތު ޝެހެނާޒް އާދަމްއާ ހަވާލާދީ ޕާކިސްތާނުގެ މީޑިޔާ ރިޕޯޓުތައް ބުނެފި އެވެ.
ދިވެހިރާއްޖެ ފަދަ ބޭރުން މުދާ އެތެރެ ކޮށްގެން ދިރިއުޅުން ބިނާވެފައި އޮތް ގައުމެއްގެ ވިޔަފާރިވެރިންނާއި ޕާކިސްތާނުގެ ވިޔަފާރިވެރިން ގުޅިގެން ޕާކިސްތާނުން މުދާ އެކްސްޕޯޓް ކުރެވިއްޖެ ނަމަ އެއީ އެފަރާތްތަކަށް ހުޅުވިގެންދާނޭ ވަރަށް ރަނގަޅު ފުރުސަތުތަކަކަށް ވެގެން ދާނެ ކަމަށާއި އަދި ރާއްޖޭގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހި ކުރުމަށް ވެސް ލިބޭނޭ ރަނގަޅު ފުރުސަތަކަށް ވެގެން ދާނޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
އަދި ރާއްޖެއަށް ހިލަ އާއި ހިލަވެލި ލިބުމުގައި ދަތިތަކެއް އުޅޭ ދުވަސްވަރަކަށް ވާތީ ޕާކިސްތާނުން ރާއްޖެއަށް އިމާރާތް ކުރުމުގެ ދާއިރާއިން ބޭނުންވާ ސާމާނު ލިބޭ ގޮތް ވުމަކީ ވަރަށް މުހިންމު ކަމެއް ކަން ފާހަގަ ކުރެވިފައިވާ މި ދަނޑިވަޅުގައި ޑރ. އައިޝަތު ޝެހެނާޒް އާދަމް ޕާކިސްތާނުގެ އިސްލާމްއާބާދު ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އައިސީސީއައި)ގެ ރައީސް ޒަފަރް ބަޚްތަވާރީއާ ބައްދަލު ކުރައްވައި ވިދާޅުވީ ދިވެހިރާއްޖެއާއި ޕާކިސްތާނާއެކު ރަނގަޅު ގުޅުމެއް ގާއިމް ކުރެވިދާނޭ އަނެއް ދާއިރާއަކީ އިމާރާތް ކުރުމުގެ ދާއިރާ ކަމަށެވެ. އެގޮތުން ދެ ފަރާތަށް ވެސް ފައިދާ ވާނޭ ފަދަ މަސައްކަތްތަކެއް އެދާއިރާގައި ގުޅިގެން ކުރެވިދާނޭ ކަމަށެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ބުނާގޮތުގައި ރާއްޖޭގެ ރައްޖޭގެ އިގްތިޞާދުގެ މައި ދާއިރާއަކީ ޓޫރިޒަމް ކަމަށާއި އަދި ދެވަނައަށް އާމްދަނީ ލިބޭ އެންމެ ބޮޑު ދާއިރާއަކީ މަސްވެރިކަން ކަމަށްވާއިރު އެ ދެ ދާއިރާއިން ވެސް ދެގައުމުގެ އެއްބާރުލުން ލިބިއްޖެނަމަ ޕާކިސްތާނާއި އަދި ރާއްޖެއަށްވެސް އެކަމުން ގިނަގުނަ ފައިދާތަކެއް ލިބިގެން ދާނޭކަމަށް ޝެހެނާޒް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދުގެ ގުޅުންތައް ވަރުގަދަ ކުރެއްވުމަށް ޑރ. ޝެހެނާޒް އާދަމް ކުރަށްވަމުން ގެންދަވާ މަސައްކަތްފުޅަށް އައިސީސީއައިގެ ރައީސް ޒަފަރް ބަޚްތަވާރީ ވަނީ އެކަމަނާއަށް ވަރަށްބޮޑަށް ތައުރީފު ކުރައްވައިފައެވެ. އަދި ކުރިއަށް އޮތްތާނގައިވެސް ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަށްވާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޒަފަރް ބަޚްތަވާރީ ވިދާޅުވިގޮތުގައި ޕާކިސްތާނުގެ ޓޫރިޒަމް ހަރުދަނާކޮށް ރަނގަޅުކުރުމަށް ރާއްޖޭގެ ތަޖްރިބާއާއި އެހީތެރިކަން ހޯދަައިގެން ޕާކިސްތާނުގެ ގަދީމީ ހަޟާރަތްތައް ކަމަށްވާ ސިންދުވާދީ އާއި ގަންދާރާ ފަދަ ރީތި ތަންތަނާއި އަދި ބުއްދާ ސްކަލްޕްޗާ ފަދަ ތަބީއީ މަންޒަރުތައް ޓޫރިސްޓުންގެ މެދުގައި މަގުބޫލުކުރުމުގެ މަސައްކަތް ވެސް ކުރެވިދާނެއެވެ.
ޑރ. ޝެހެނާޒް މީގެ ކުރީން ވަނީ ބޭސްވެރިކަމުގެ ދާއިރާއިން ވެސް ޕާކިސްތާނުގެ އެހީތެރިކަން ހޯދުމުގެ މުހިންމުކަމުގެ ވާހަކަ ދައްކަވައިފައެވެ. މިހާރު ވެސް ޕާކިސްތާނުގެ މެޑިކަލް ކޮލެޖުތަކުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދަނީ ބޭސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރަމުންނެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ޕާކިސްތާނުގެ ޑޮކްޓަރުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.