19 Feb 2013, 16:21
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު( އެންޑީއެމްސީ) އިން ހިންގާފައިވާ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތުގައި ހައްޔަރު ކުރި އެ ސެންޓަރުގެ ކުރީގެ ވެރިޔާ އަބްދުﷲ ޝާހިދު މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ދޫކޮށްލުމަށް ހައިކޯޓުން ކުރި އަމުރާ ގުޅިގެން ފުލުހުން އޭނާ ދޫކޮށްލައިފި އެވެ.
އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެހެންކަމުން ޚިޔާނާތުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާތަނަށް ދޫކޮށްލާފައި ވަނީ ބ. އޭދަފުށީ ދިގަލި މުހަންމަދު ވަހީދާއި މ. އެވަގްލޯރީ އަހުމަދު އާރިފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ މުހައްމަދު ޝާހިދެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ގދ. ހޯޑެއްދޫ ފޭރުމާގޭ އަބްދުﷲ ވަހީދު އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމް އިއްވުން މާދަމާ ހައިކޯޓުގައި އޮންނާނެ އެވެ.
ކްރިމިނަލް ކޯޓުން ޝާހިދުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރި އަމުރުގައި ބުނެފައި ވަނީ އޭނާ ގެ މައްޗަށް ލިބިފައިވާ ހެއްކާ ގަރީނާތަކަށް ބަލާއިރު ޝާހިދު ބަންދުން ދޫކޮށްލައިފި ނަމަ ހެކިފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރި އަމުރުގައި ވެއެވެ.
ނަމަވެސް އެއަމުރުތައް ބާތިލްކޮށް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޭނާ އަކީ މިހާރު އެ ސެންޓަރުގެ ވަޒީފާގައި އުޅޭ މީހެއް ނޫންކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޚިޔާނާތުގެ މައްސަލައަކީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ހިނގާފައިވާ ކަމަކަށް ވާއިރު އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައި ވަނީ މިއަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
މީގެއިތުރުން އޭނާ ހައްޔަރު ކުރުމުގެ ކުރިން އޭނާގެ ފަރާތުން ތަހުގީގަށް ނަގަންޖެހޭ ބަޔާން ނަގާފައިވާކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
ފުލުހުންނަށް ވުރެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަ ތަހުގީގުކޮށްފައިވާއިރު އަބްދުﷲ ޝާހިދުގެ ކުށުގެ ރެކޯޑަށާއި އެ މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ބެލުމަށް ފަހު މިހާރު އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުފެންނަ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.