19 Feb 2013, 16:09
އައިޖީއެމްއެޗްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ޑީސީއީއޯ) އެއްގެ މަގާމަށް މިނިސްޓަރެއްގެ މުސާރައާ އެއްވަރުގެ ބޮޑު މުސާރައެއް ކަނޑައަޅައި އެ މަގާމަށް މީހަކު ހޯދުމަށް އިޢުލާންކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނެއްގައިވާ ގޮތުގައި އެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ މަހު މުސާރައެއްގެ ގޮތުގައި 45،000 ރުފިޔާ ކަނޑައަޅާފައިވާ އިރު ލިވިންގް އެލަވަންސެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 20،000 ރުފިޔާ އެވެ.
ސަރުކާރުގެ މިނިސްޓަރެއްގެ މަހު މުސާރަ އާއި އެލެވަންސްއާ އެކު މަހެއްގެ މައްޗަށް ޖެހެނީ ވެސް ގާތްގަނޑަކަށް 65،000 ރުފިޔާ އެވެ.
އައިޖީއެމްއެޗްގެ މިހާރުގެ ސީއީއޯއެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކިހާވަރެއް ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ސިވިލް ސާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސިވިލް ސާވިސްގެ މަގާމުތަކުގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ކަނޑައަޅާފައި ވަނީ ޕާމަނަންޓް ސެކެޓްރީންނަށް ކަމަށާއި ޕާމަނަންޓް ސެކެޓްރީގެ ބޭސިކް މުސާރައެއްގެ ގޮތުގައި 20،000 ރުފިޔާ ކަނޑައަޅާފައިވާ އިރު އެލަވަންސްތަކާ އެކު އެމަގާމުގެ މޫސާރައަކީ 35،000 ރުފިޔާ އެވެ.
ހެލްތް ކޯޕަރޭޝަންތަކަކީ ވެސް މިހާރު ސިވިލް ސާވިސްގެ ދަށުގައިވާ ތަންތަން ކަމުގައިވާ އިރު އެތަންތަނުގެ މުސާރައިގެ އިތުރުން ވަޒީފާއާ ބެހޭ އެހެނިހެން އޮނިގަނޑުތައް ކަނޑައަޅާނީ ވެސް ސިވިލް ސާވިސް ކޮމިޝަނުން ކަމަށާއި ނަމަވެސް ހެލްތު ކޯޕަރޭޝަންތަކުގެ މުސާރަ އާއި އެހެން އޮނިގަނޑުތައް އަދި މުޅިން އެކުލަވާލައި ނުނިމޭތީ ސީދާ ކޯޕަރޭޝަންތަކަށް ކަނޑައަޅާފައިވާ އެންމެ ބޮޑު މުސާރައެއް އަދި އެނގިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހެލްތު ކޯޕަރޭޝަންތަކުގެ މުސާރައާއި ވަޒީފާގެ އޮނިގަނޑުތައް ވެސް ކަނޑައަޅަނީ ސިވިލް ސާވިސް އިން، ނަމަވެސް ހެލްތު ކޯޕަރޭޝަންތަކުގެ އޮނިގަނޑު އަދި މުޅިން އެކުލަވާލުމުގެ މަސައްކަތް ނުނިމޭ،" އޮފިޝަލް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ޑިޕިއުޓީ ސީއީއޯއެއްގެ ވަޒީފާއަކީ ދެ އަހަރު ދުވަހުގެ ކޮންޓްރެކް ވަޒީފާއެކެވެ. އެ ވަޒީފާގެ ކޮންްޓްރެކްޓް ކުރިއަށް ގެންދާނީ ވަޒީފާގެ ޕްރޮބޭޝަންގެ ތިން މަސް ދުވަހު އެ މީހެއްގެ މަސައްކަތަށް ބަލާފައި ކަމަށް ވެސް އެއިޢުލާންގައި ބުނެފައިވެ އެވެ. އެ ދާއިރާ އަށް ކުރިމަތިލާ މީހަކީ ސިއްހީ ދާއިރާ އިން ދަށްވެގެން ޕޯސްޓް ގްރެޒުއޭޓް ލިބިފައިވުމާ އެކު ޓާސަރީ ހޮސްޕިޓަލެއް ހިންގުމުގެ ފަސް އަހަރުގެ ތަޒިރިބާއެއް ހުންނަ ޖެހޭ މީހެއް ކަމުގައިވާން ޖެހެ އެވެ.