19 Feb 2013, 14:05
ދިވެހި ކޮންމެ ރައްޔިތަކަށް ހިލޭ ބޭސްފަރުވާ ކުރެވޭނޭ ގޮތަށް ސަރުކާރުން ގާއިމްކޮށްދީފައިވާ އާސަންދަ ހެލްތު ސްކީމް އަކީ ކޮންމެ މީހެއްގެ ޖީބަށް ލައިދޭ އެއް ލައްކަ ރުފިޔާގެ "ކްރެޑިޓް ނުވަތަ ޑެބިޓް ކާޑެއް" ނޫން ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޖަމްޝީދު އަހްމަދު ވިދާޅުވެއްޖެ އެވެ.
އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ އާ ކަސްޓަމާ ސާވިސަސް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ވާހަކަ ފުޅުދައްކަވަމުން ޑރ. ޖަމްޝީދު މިއަދު ވިދާޅުވީ އާސަންދައިގެ ހިދުމަތް ލިބިވަޑައިގަންނަ ބައެއް ފަރާތްތަށް ކުރިން އެ ހިދުމަތުގެ ބޭނުން ކުރަށްވަމުން ގެންދެވީ އެއްވެސް ވަރަކަށް ބައްލަވާލެއްވުމެއް ނެތި ޖީބުގައި އޮންނަ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑެއްގެ އުސޫލުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި މިކަން މިހާރު މަޑުމަޑުން ރަނގަޅުވަމުން އެބަދޭ. އެހެނަސް ފަށައިގަތް އިރުގަ ވަރަށް ބޮޑަށް ވަރަށް ގިނަ މީހުންނަށް އޮޅިފައި އޮތް އޮޅުމެއް މީއީ އެއް ލައްކަ ރުފިޔާގެ ކުރެޑިޓް ކާޑެއް ނުވަތަ ޑެބިޓް ކާޑެއް ޖީބަށް ލައިގެނޭ މި ތިބެވެނީ. އެއީއެއް ނޫން މީގެ ބޭނުމަކީ. މީގެ ބޭނުމަކީ، މިގޮތަށް ޕޫލް ކުރެވޭ ފައިސާ ރައްޔިތުންގެ ތެރެއިން އެ ބޭނުންވާ މީހުންނަށް، ކޮންމެހެން އެފައިސާ ބޭނުން ކުރަން ޖެހޭ މީހުންނަށް ލިބޭނޭ ގޮތެއް ތަނަވަސް ކޮށްދެވިފައި އޮތުން." ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިފަދަ ނިޒާމެއް ހެޔޮގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެ ރައްޔިތަކީ ވެސް އިޖްތިމާއީ އަދި ފަރުދީ ޒިންމާ އެއް އޮންނަ ފަރާތެއް ކަމަށް ދެކިގެން މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ނަހަމަ ގޮތުގައި އޭގެ ބޭނުން ކުރަން ފަށައިފި ކަމުގައިވާ ނަމަ އާޚިރުގައި ހަމަ އެކަކަށް ވެސް މީގެ އެންމެ އެދެވޭ ފައިދާއެއް ނުލިބޭނެ. އެހެން ކަމުން މީގެ އެބައޮތް ވަރަށް މުހިއްމު އިޖްތިމާއީ އަދި ފަރުދީ ޒިންމާއެއް މިކަހަލަ ނިޒާމެއް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިފަދަ ނިޒާމެއްގެ އެންމެ މުހިއްމު މައިގަނޑު އެއް އަސާސަކީ "ރައްޔިތަކު ބަލިވެގެން ބޭހެއް ކުރަން ޖެހޭއިރުގައި އަމިއްލަ ޖީބުން ބޮޑު ހޭދައެއް ކުރަން ނުޖެހުން. އަދި އެ ކުރަންޖެހޭ ހޭދައިގެ ސަބަބުން އަތުގައި ހުންނަ ހަރުމުދާ ވިއްކާލައި މީހާ ދަރަނުވެރި ނުވުން،" ކަމަށެވެ.
ޑރ. ޖަމްޝީދުގެ ވާހަކަފުޅުގައި އާސަންދަ ނިޒާމުގެ ތެރޭގައި ވަރަށް ވޮޑެތި ގޮންޖެހުންތަކަކާ 2012 ވަނަ އަހަރު ކުރިމަތިލާން ޖެހުނު ކަމަށާއި އަދި އެއީ ނުވެ ނުދާނޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް މިހާ ކުއްލިގޮތަކަށް މިހާ ފުޅާކޮށް ފަށާ ނިޒާމެއްގެ ތެރޭގައި ދިމާވާނޭ މައްސަލަތައް ހުންނާނެ. އެހެނަސް އަޅުގަނޑު ގަބޫލު ކުރަނީ އެއީ ހެޔޮނިޔަތުގައި ފަށާފައިވާ ނިޒާމެކޭ އަދި އެ ނިޒާމު ކުރީގެ ސަރުކާރުން ވެސް އަދި މިހާރުގެ ސަރުކާރުން ވެސް، އަދި ކުރިއަށް އޮންނަ ސަރުކާރުތަކުން ވެސް ކުރިއަށް ގެންދާނީ ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ފައިދާ ހުރި ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތެއްގެ ގޮތުގައި ނުވަތަ އެހީތެރިކަމެއްގެ ގޮތުގައި ކުރިއަށް ގެންދާ ނިޒާމަކަށޭ ވެގެން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އާސަންދަ ހެލްތު އިންޝުއަރެސް ސުކީމަކީ ރާއްޖޭގައި ވަރަށް ސިޔާސީ ވެގެން ދިޔަ ނިޒާމެއް ކަމަށެވެ. ކޮންމެ ބަޔަކު ސަރުކާރުގައި ތިބިކަމުގައިވީ ނަމަވެސް އަދި މަޖިލީހުގައި ތިއްބެވި ނަމަވެސް މިފަދަ ބޮޑު އަދި ރައްޔިތުންނަށް މުހިއްމު ނިޒާމެއް އަސީސީ ހިދުމަތެއް ސިޔާސީ ކަމެއްގެ ގޮތުގައި ހައްދަވައިގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ސަރުކާރެއް އޮތަސް ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް އަދި ކޮންމެ ބަޔަކު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ކަމުގައިވީ ނަމަވެސް މީ ސިޔާސީ ކުރަން ޖެހޭ އެއްޗެއް ނޫން. މީ ހަމަ ވަރަށް މުހިއްމު އަސާސީ އިޖްތިމާއީ މަސައްކަތެއް. އެހެން ވީމާ މިމަސައްކަތަށް އަޅުގަނޑުމެންގެ ސިޔާސީ ވިސްނުމާއި ސިޔާސީ އެންގަލް އެއްކިބާ ކޮށްލާފައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް އެންމެން ގުޅިގެން ގެނެސްގެން ނޫނިއްޔާ މިހިދްމަތް އެދެވޭގޮތުގައި ކުރިއަކަށް ނުދާނެ." މިނިސްޓަރު އޮފް ހެލްތު ޑރ. މުހައްމަދު ޖަމްޝީދު އަހްމަދު ވިދާޅުވި އެވެ.