ކުނިކޮށި އަރާ ދުމުގެ އުނދަގުލާ ހެދި އިމާދުއްދީން ސްކޫލްގެ މެންދުރު ކުރީގެ ދަންފަޅީގެ ކިޔެވުން މިއަދު ވެސް މެދުކަނޑާލައިފި އެވެ.

މާލޭ އެއް ނަމްބަރު ކުނިކޮށްޓާ އެންމެ ކައިރީ ކިޔަވައިދެމުން އަންނަ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާސިފް ރަޝީދު މިއަދު ވިދާޅުވީ ހެނދުނު ދަންފަޅީގެ ކިޔެވުން މެދު ކަނޑާލީ ކުނިކޮށީގައި މަސައްކަތް ކުރަމުންދިޔަ ވަގުތު އަރާ ދުމުން ކުދިންނަށް ކިޔަވައިދެވޭ ވަރުނުވެގެން ކަމަށެވެ. ނަމަވެސް އެ މަސައްކަތް ހުއްޓާލުމުން މިއަދުގެ މެންދުރު ދަންފަޅީގެ ކުދިންނަށް ކިޔެވުން ބާއްވާފައިވާ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި މާލޭ އެއްނަމްބަރު ކުނި ކޮށީގައި އަލިފާން ރޯވުމާ ގުޅިގެން އެތަނުން އަރާ ދުމާހެދި މިދިޔަ ބުރާސްފަތި ދުވަހު ވެސް އިމާދުއްދީން ސްކޫލްގެ ކިޔެވުން ވަނީ މެދުކަނޑާލާފަ އެވެ.

ޕްރިންސިޕަލް ވިދާޅުވާ ގޮތުގައި މިހާރު ތިން ދުވަހު ވަނީ އިމާދުއްދީން ސްކޫލްގެ ކިޔެވުން ހުއްޓާލަން ޖެހިފަ އެވެ. އަދި ކުދިން ސްކޫލަން އަންނަ އިރު މާސްކް އަޅައިގެން އައުމަށް އިމާދުއްދީން ސްކޫލުން ވަނީ އިރުޝާދު ދީފަ އެވެ.

ޕްރިންސިޕަލް އާސިފް ރަޝީދު ވިދާޅުވާ ގޮތުގައި އެ ސްކޫލްގެ ބަޖެޓްގައި ކުދިންނަށާއި ޓީޗަރުންނަށް މާސްކު ފޯރުކޮށްދެވޭނެ ވަރަށް ފައިސާ ނެތުމުން ޓީޗަރުންނާ ދަރިވަރުން ވެސް ސްކޫލަށް އަންނައިރު މާސްކް ހިފައިގެން އައުމަށް އަންނަނީ އިރުޝަދު ދެމުންނެވެ.

ދުމުގެ އަސަރުކޮށްގެން އިމާދުއްދީން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުން ބޯ އަނބުރާ ހަދާތީ އެތަށް ކުއްޖަކު ވަނީ ކިޔެވުން ބާއްވާ ކޮންމެ ދުވަހަކު ވެސް ގެއަށް ފޮނުވާލަން ޖެހިފަ އެވެ.

އެ މައްސަލައިގައި ސިޓީ ކައުންސިލުން ބުނެފައި ވަނީ ކުނިގޮނޑުގެ މައްސަލަ ހައްލު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓްގެ ތާށިކަން ކަމަށެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯދުމަށް ފިނޭންސާ ވާހަކަ ދައްކަމުން އަންނަ ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފަ އެވެ.