މާލޭގައި 4،342 މީހުން މަސްތުވާތަކެތި ބޭނުން ކުރާ އިރު، އަތޮޅުތަކުން 3،154 މީހުން މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމަށް ނެޝަނަލް ޑްރަގު ޔޫޒް ސާވޭ އިން ދައްކައިފި އެވެ.

ޔޫރަޕުގެ އިއްތިހާދުގެ އެހީގައި ޔުނިޓެޑް ނޭޝަންސް އޮފީސް އޮން ޑުރަގްސް އެންޑް ކުރައިމް (ޔޫއެންއޯޑީސީ) އާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދިޔަ ސާވޭގެ ރިޕޯޓް ރޭ އާއްމުކޮށްފައިވާ އިރު، މަސްތުވާތަކެތި އެންމެ ގިނައިން ބޭނުންކުރާ މީހުންގެ އުމުރުފުރަ އަކީ 15 އަހަރާއި 19 އަހަރާ ދެމެދު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ތިން މެތޮޑެއް ބޭނުންކޮށްގެންނެވެ. އެ ތިން މެތޮޑުގެ ތެރޭގައި ހިމެނެނީ ރެސްޕޮންޑެންޓް ޑުރައިވަން ސާމްޕްލިން (އާރުޑީއެސް) އާއި ހައުސްހޯލްޑު ސާވޭ އެޕްރޯޗުގެ އިތުރުން ފޯކަސް ގުރޫޕް ޑިސްކަޝަންސް އެވެ. މީގެ ތެރެއިން ރެސްޕޮންޑެންޓް ޑުރައިވަން ސާމްޕްލިން ހަމައެކަނި މާލޭގައި ބޭނުން ކޮށްފައިވާ އިރު، ހައުސްހޯލްޑު ސާވޭ އެޕްރޯޗު ބޭނުންކޮށްފައި ވަނީ އަތޮޅުތަކުގަ އެވެ.

ސާވޭ އަށް މާލެއިން މިހާރުވެސް މަސްތުވާތަކެތި ބޭނުންކުރާ 635 މީހުންނާއި އިންޓަވިއުކޮށްފައިވާ އިރު، މިމީހުންގެ އެވަރޭޖް އުމުރަކީ 23 އަހަރު ކަމަށް ރިޕޯޓުގައިވެ އެވެ.

އަތޮޅުތަކުގައި މަސްތުވާތަކެތި ބޭނުންކުރާ 152 މީހުންނާ އިންޓަވިއުކޮށްފައިވާ އިރު، އެ މީހުންގެ އެވަރެޖް އުމުރަކީ 26 އަހަރެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް، 50 އެނިއުމަރޭޓަރުންގެ ޓީމެއް 3500 ގޭބީސީ އަށް ޒިޔާރަތްކޮށް 762 މީހުންނާ އިންޓަވިއުކޮށްފައިވާ އިރު، މާލެއާއި އަތޮޅުތަކުގައި 27 ފޯކަސް ގްރޫޕް ޑިސްކަޝަންސް ކުރިއަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ސާވޭގެ ނަތީޖާއަށް ބަލާ އިރު، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތަކީ ބަނގުރާ ކަމަށާއި އެއަށް ފަހު އެންމެ ގިނައިން ބޭނުންކުރަނީ ކެނަބިސް އާއި ހަޝިޝް ފަދަ އެހެނިހެން އޮޕިއޮއިޑްސް ކަމަށް ރިޕޯޓުގައި ބުނެ އެވެ.

ޔޫއެންއޯޑީސީގެ ރިޕޯޓު ނިންމާލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސާވޭގެ ނަތީޖާތަކަށް ބިނާކޮށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކަކާ އެކުގަ އެވެ.

މިގޮތުން މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަށާއި މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު ކުޑަކުރުމަށާއި މަސްތުވާތަކެތިން ލިބޭ ގެއްލުން ކުޑަކުރުމަށް އަމާޒުކޮށްގެން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ނެޝަނަލް ރެސްޕޮންސެއް އެކުލަވާލުމަށް ރިޕޯޓުގައި ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން އެޑިކްޝަންއަށް ފަރުވާދޭ ސެންޓަރުތައް އިތުރުކޮށް، ގިނަ ފަރާތްތަކަކަށް ފަރުވާދޭ ސެންޓަރުތައް އޮޕަރޭޓްކުރުމުގެ ހުއްދަދީ، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ހޯދުމަށް މަގުފަހިކޮށްދޭނެ މާހައުލެއް ބިނާކުރުމަށް ވެސް ރިޕޯޓުގައި ރެކޮމެންޑު ކޮށްފައިވެ އެވެ.