މީލާދީ ކަލަންޑަރުގައި މިއަހަރު އަންނާނެ އެންމެ ރީތި ދުވަހު، މާލޭގައި އިއްޔެ 52 ކައިވެނިކޮށްފައިވާ ކަމަށް އާއިލާއާ ބެހޭ ކޯޓުން ބުނެފި އެވެ.


އާއިލާއާ ބެހޭ ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ތާރީހުން ދެން ނާންނާނެ 10.10.10 ގައި މާލޭގައި ކުރި ކައިވެނިތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބައި ނުވަތަ 26 ކައިވެނި ކޮށްފައި ވަނީ ސީދާ ކޯޓުގައި ކަމަށެވެ. އަނެއް 26 ޖޯޑު ކައިވެނީގެ އަހުދުކޮށްފައި ވަނީ ގޭގަ އެވެ.


ކޯޓުގައި ކޮށްފައިވާ ކައިވެނިތައް ކޮށްފައި ވަނީ 10 މީހުން އެކުގަ އެވެ.


މި ދުވަހާ ދިމާކޮށް ރަށްރަށުގައި ކޮށްފައި ވަނީ ކިތައް ކައިވެނި ކަމެއް އެނގިފައެއްނުވެ އެވެ.


ތާރީހުން އަންނަ ރީތި ދުވަސް ދުވަހާ ދިމާކޮށް ކައިވެނިކުރުން ރާއްޖޭގައި ވެސް އަންނަނީ ގިނަވަމުންނެވެ. މިގޮތުން 06.06.06 ގައި 63 ކައިވެނި، 07.07.07 ގައި 56 ކައިވެނި، 08.08.08 ގައި 82 ކައިވެނި އަދި 09.09.09 ގައި 28 ކައިވެނިކޮށްފައި ވެ އެވެ.


ތާރީހުން ދެން އެންމެ ރީތި ދުވަހެއް އަންނާނީ އަންނަ އަހަރު ނޮވެމްބަރުގައި، 11.11.11 އެވެ.