ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި މީދާ ގިނަވަމުންދާތީ މީދާ މަރައިދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާންކޮށްފި އެވެ.

މީގެ ކުރިން ވެސް އިއުލާންކޮށްގެން އެކަމަށް ތަރުހީބެއް ލިބިފައިނުވާތީ ދެ ވެނަ ފަހަރަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެއްބަސްވުމެއްގެ ދަށުން އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 2:00ގެ ކުރިން އިސްކަންދަރު ބިލްޑިންގް އަށް ގޮސް މައުލޫމާތު ސާފު ކުރުމަށެވެ.

އިއްޔެގެ ތާރީޚުގައި ކޮށްފައިވާ އެ އިލާނުގައިބުނެފައި ވަނީ މައުލޫމާތު ސާފުކުރުމަށް ފަހު މިމަހުގެ 26ވާ އަންގާރަ ދުވަހު އަންދާސީހިސާބު ހުށަހެޅުމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ އިމާރާތުގެ ވައިރިންތައް ކައި ސީލިން ހަލާކުކޮށް ތަނުގެ ވަސް ވަނީ މީދަލުގެ ސަބަބުން ނުބައިވެފަ އެވެ.

މީދަލުގެ އުނދަގުލާ ހެދި މީދާތައް މަރައިދޭނެ ފަރާތެއް ހޯދުމަށް ފުލުހުން އިއުލާން ކުރި އިރު، ޣާޒި ބިލްޑިންގުގައި އީޑީސީ ހިންގި ދުވަސްވަރު މީދަލުގެ އުނދަގޫ ބޮޑުވެގެން އެ މިނިސްޓްރީން ވެސް ވަނީ މީދާ މަރާނެ ފަރާތެއް ހޯދުމަށް އޭރު އިއުލާންކޮށްފަ އެވެ.