މިވަގުތަށް އެންމެ މުހިއްމު ކަމަކީ 2013ގެ ރިޔާސީ އިންތިހާބަކީ ހުރިހާ ޕާޓީތަކުން ބައިވެރިވާ މިނިވަން، އިންސާފުވެރި އިންތިހާބެއްކަން ޔަގީންކުރުމުގެ މަސައްކަތް ކަމަށް ކޮމަންވެލްތުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ސާ ޑޮން މެކިނަން ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތުން ރާއްޖޭގެ މިހާރު ހާލަތާ ގުޅޭ ގޮތުން މިއަދު ނެރެފައިވާ ބަޔާނެއްގައި މެކިނަން ވިދާޅުވެފައި ވަނީ ކޮމަންވެލްތުން ރާއްޖޭގެ މަޝްރަހުގައި ކުރިއަށްދާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

"މިދިޔަ އަހަރު ރާއްޖޭގައި ހިނގާދިޔަ ކަންކަމަށް ފަހު، މާޒީ ވެދިޔަ ކަންކަން ދޫކޮށް ކުރިއަށް ބަލަން ވަރަށް މުހިއްމު. މިވަގުތަށް އެންމެ މުހިއްމު ކަމަކީ 2013ގެ ރިޔާސީ އިންތިހާބަކީ ހުރިހާ ޕާޓީއަކަށް ވާދަކުރެވޭ، މިނިވަން އަދި އިންސާފުވެރިން އިންތިހާބަކަށް ހެދުމަށް މަސައްކަތް ކުރުން." މެކިނަންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މެކިނަންގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ 2013ގެ އިންތިހާބަކީ މިނިވަން އިންތިހާބަކަށް ހެދުމަށް ދިވެހި ހުރިހާ ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަމަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމުގައި ކޮމަންވެލްތުން އަބަދު ވެސް ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.