19 Feb 2013, 13:26
މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނުން ރައީސް އޮފީސް ދެކެނީ "އާދައިގެ ރައްޔިތެއްގެ ގޮތުގައި"ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ހިއުމަންރައިޓްސް އެމްބެސަޑަރު އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހައްމައިދީ) އެ ކޮމިޝަނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސާނީ ހައްގުތަކާ ބެހޭ ސަފީރު ވިދާޅުވީ ރައީސް އޮފީހުން ސިޓީއެއް މެދުވެރިކޮށް ބްރޯޑް ކާސްޓިން ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން އެ ސިޓީގެ ޖަވާބުގައި ފޯމެއް ފުރުވުމަށް ފަހު މައްސަލަ ހުށަހެޅުއްވުމަށް ރައީސް އޮފީހަށް އަންގާފައިވާ ކަމަށާއި އެއީ އެ ކޮމިޝަނުން ރައީސް އޮފީސް "އާދައިގެ ރައްޔިތަކަށް ރައީސް އޮފީސް ހަދާލުން" ކަމަށް ދެކޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް އޮފީހުން ވެސް ރަނގަޅު ކުރަން ޖެހޭ ކަމެއް އޮވެއްޖެ ނަމަ އެކަން އަންގަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް ރައީސް އޮފީހުން ބްރޯޑްކާސްޓިން ކޮމިޝަނަށް ކަމެއް އެނގުމުން އަމަލުކުރާ ގޮތުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"ހިތާމައަކީ ރައީސް އޮފީހުން އެންގީމާ ކަމެއް ކުރަންވީމާ އެ ބޭފުޅުން [ބްރޯޑްކާސްޓިން ކޮމިޝަނުން] އެހެނަކުން ނޫން އެކަންކަތައްތައް ކުރައްވަނީކީ. ދާދި އެހަކަށް ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި މި އޮތީ ބުނެފައި ސިޓީގައި ބުނެފައިވާ މައްސަލަ ކުރިއަށް ގެންދަވަން ބޭނުންފުޅު ނަމަ މި ނޯޓާ އެކު މި ކޮމިޝަނުން އެކުލަވާލާފައިވާ ޝަކުވާ ހުށަހެޅުމުގެ ފޯމް ހުށަހެޅުއްވުމަށް. މިހާރު ރައީސް ރައީސް އޮފީސް މި ހެއްދެވީ އާދައިގެ ރައްޔިތަކަށް،" އޭނާ ވިދާޅުވި އެވެ.
"އާދައިގެ ފޯމެއް" ފުރާފައި މައްސަލަ ހުށަހެޅުމަށް ރައީސް އޮފީހަށް އަންގާ ކަމަށް ބުނެ އެމްބަސެޑަރު ވަނީ ކަންކަން ހައްލުކުރެވޭނެ ގޮތާ މެދު ސުވާލު އުފައްދަވައިފަ އެވެ.
"އާދައިގެ ފޯމެއް ރައީސް އޮފީހަށް ފޮނުވާފައި މި ބުނަނީ އެ ފޯމްފުރާށޭ އޭރުންނޭ ހަގީގަތުގައި ތިޔަ މައްސަލަ ބެލޭނީ. އެކަމު އަނެއްކޮޅުން ދައުލަތަށް ލާޒިމުށްފައި ދައުލަތުގެ އެންމެ އިސްވެރިޔާ އަށް މި ލަފާދެއްވަނީ މި ވެނިކަމެއް މިވެނި ގޮތަކަށް ކުރަން. ދެން އެހެންވީމާ ހަގީގަތުގައި ދެން ކިހިނެތްތޯ މިކަން ކުރާނީ،"
އެ މައްސަލައާ ގުޅޭ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަންގެ ބަހެއް ހޯދުމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާ ފޯނުން ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އެ ކޮމިޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ބައެއް މީޑިއާތަކުން ލިބިފައިވާ ޝަކުވާތަކަށް ބެލުމަށް ފަހު ބްރޯޑްކާސްޓިން ކޮމިޝަނުން އެކަން ފާހަގަކޮށް އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ސިޓީއެއް ފޮނުއްވާފަ އެވެ.