ވޮލީބޯޅަ އެސޯސިއޭޝަންގެ ފަސް ވަނަ އަހަރީ އާންމު ޖަލްސާގައި މި އަހަރަށް އެ އެސޯސިއޭޝަނުން ލަފާކުރާ ބަޖެޓަކަށް 3.3 މިލިއަން ރުފިޔާ ރޭ ފާސްކޮށްފި އެވެ.

ވޮލީ އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓް ފާސްކުރުމަށް ރޭ ޒުވާނުންގެ މަރުކަޒުގައި އޮތް އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް އަދި އަސާސީ ގަވާއިދަށް ވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން އަސާސީ ގަވާއިދަށް ގެނެސްފައި ވަނީ ދެ އިސްލާހެކެވެ. އެ ދެއިސްލާހާ އެކު މިއަހަރުގެ ބަޖެޓްވެސް ފާސްކޮށްފައި ވަނީ ރޭގެ ޖަލްސާއަށް ހާޖިރުވި އެއެސޯސިއޭޝަންގެ 39 މެންބަރު ކުލަބުގެ ތެރެއިން ޖަލްސާގައި ބައިވެރިވި 18 ކްލަބުގެ އިއްތިގާފުންނެވެ.

ވީއޭއެމްގެ ޖެނެރަލްސެކްރެޓަރީ ޙުސައިން މުޙައްމަދު ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓުގެތެރެއިން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ބޭރުގެ މުބާރާތްތަކަށާއި ބޭރުގައި ބާއްވާ ޓްރޭނިން ޕްރޮގްރާމްތަކަށެވެ. އަދި ރާއްޖޭގައި އެއެސޯސިއޭޝަނުން މިއަހަރުގެ ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ ބަޖެޓުގެ ޖުމްލަ އަދަދަކީ 613،424ރ. އެވެ. އަދި އެސޯސިއޭޝަންގެ އިދާރީ ހިންގުމަށް މިއަހަރު ކަނޑައެޅި ބަޖެޓުގެ ޖުމްލަ އަދަދަކީ 532،110 ރުފިޔާ ކަމަށް ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން އެސޯސިއޭޝަނަށް 1.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެގޮތުން ކުޅިވަރާ ބެހޭ މިނިސްޓްރީން ދިން އެއް މިލިއަން ރުފިޔާ އާއި އެހެނިހެން ގޮތްގޮތުން ލިބުނު 190،680ރ. އަދި ސްޕޮންސާޝިޕް ފީ ގެ ގޮތުގައި ލިބުނު 76،000 ރުފިޔާ ލިބިފައިވާކަމަށް ހުސެން ވިދާޅުވިއެވެ. އެހެން ކަމުން މިދިޔަ އަހަރު އެ އެސޯސިއޭޝަނުން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާތީ، އަހަރު ނިންމާލީ ދެލައްކައަށް ވުރެ ގިނަ ރުފިޔާގެ ޑެފިސިޓަކާއެކު ކަމަށްވެސް ހުސެން ވިދާޅުވިއެވެ.

ވޮލީ ބޯލްއެސޯސިއޭޝަނުން މި އަހަރު ރާއްޖެ ވާދަކުރާ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ތެރޭގައި އެފްއައިވީބީ 2014 ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފިކޭޝަން އާއި، އިންޑޮނޭޝިއާގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑިޓަރީ ގޭމްސް 2013 އާއި ދުބާއީގައި އޮންނަ 17ވަނަ ސީނިއާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އިތުރުން ސައުތު އޭޝިއަން ގޭމްސް ހިމެނެ އެވެ.