ހަ އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އަފްގާނިސްތާނުގައި ދޭ ހަމަލާތަކުގައި މަރުވާ އާއްމުން އަދަދު ދަށަށް ގޮސްފައިވާ ކަމަށް އދ އިން ބުނެފި އެވެ.

ޔޫއެން އެސިސްޓަންސް މިޝަން އިން އަފްގާނިސްތާނުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ 2012 ވަނަ އަހަރު އަފްގާނިސްތާނުގައި ބަދަލުކުރެވުނު ހަމަލާތަކުގައި މަރުވެފައި ވަނީ އާއްމުންގެ 2،754 މީހުން ކަމަށާއި، އަނިޔާވެފައި ވަނީ 4،805 އާއްމުންނަށް ކަމަށެވެ.

މިއީ މީގެ ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު ދަށް އަދަދެއް ކަން ފާހަގަކުރެވޭއިރު، 2011 ވަނަ އަހަރާ އަޅާ ބަލާއިރު، މަރުވެފައިވާ މީހުންގެ އަދަދު 12 އިންސައްތަ ދަށަށް ގޮސްފައިވާ ކަން އދ އިން ވަނީ ފާހަގަކޮށްފަ އެވެ.

އދ އިން ބުނީ މަރުވެފައިވާ އާއްމުންގެ އަދަދު ދަށަށް ގޮސްފައި ވަނީ މިދިޔަ އަހަރު އަފްގާނިސްތާނުގައި ދެވުނު ޖާނުން ފިދާ ވުމުގެ ހަމަލާތަކާއި ވައިގެ ހަމަލާތަކުގެ އަދަދު ދަށަށް ދިއުމުން ކަމަށެވެ.

މިރިޕޯޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އަފްގާނިސްތާނުގައި ހުންނަވާ އދ ގެ ހާއްސަ މަންދޫބު ހާން ކޫބިސް ވިދާޅުވީ މަރުވެފައިވާ އާއްމުންގެ އަދަދު ދަށަށް ދިއުމަކީ ވަރަށް ބޮޑަށް މަރުހަބާ ކިޔާ ހަބަރެއް ނަމަވެސް، އަފްގާނިސްތާނު ހަނގުރާމާގައި މަރުވަމުންދާ އާއްމުންގެ އަދަދުތަކަކީ އަދިވެސް ގަބޫލުކުރެވޭނެ އަދަދުތަކެއް ނޫން ކަމަށެވެ.