19 Feb 2013, 12:27
ގާނޫނުތަކާއި އާންމު ގަވާއިދުތަކާއި އުސޫލުތައް ފިޔަވައި ސަރުކާރުގެ އިއުލާންތަކާއި އިޝްތިހާރުތައް އާންމުކޮށް ޗާޕްކޮށްގެން ނެރޭ ގެޒެޓް ޗާޕް ނުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި މާޗް އެއް ވަނަ ދުވަހުން ފެށިގެން އާންމުކޮށް ގެޒެޓްކުރާ އިއުލާންތަކާއި ދެންނެވުންތައް ފެންނަން ހުންނާނީ އޮންލައިންކޮށް ކަމަށް ވެސް ރައީސް އޮފީހުގެ އޮފިޝަލު ވިދާޅުވި އެވެ.
ރައީސް އޮފީހުން އާންމު ތަންތަނަށް މިހާރު ވެސް ފޮނުވަމުންދަނީ ގެޒެޓްގެ އެންމެ ކޮޕީއެކެވެ.
އާންމު އިއުލާންތަކާ ދެންނެވުން ހިމެނޭ ގެޒެޓް މާޗް އެކަކުން ފެށިގެން އޮންލައިންކޮށް އެކަނި ނެރޭ ގޮތަށް ރައީސް އޮފީހުން ހަމަޖައްސާފައިވާ އިރު، ގެޒެޓް ކުރާ ގާނޫނުތަކާއި އާންމު ގަވާއިދުތަކާއި އުސޫލުތަކުގެ ގެޒެޓް މާޗް އެކަކުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި ޗާޕްކޮށްގެން ވިއްކައިދޭނެ ފަރާތެއް ހޯދަން ރައީސް އޮފީހުން ވަނީ މިހާރު އިއުލާންކޮށްފަ އެވެ. އަދި މައުލޫމާތު ސާފުކުރުމަށް ފަހު ޗާޕްކޮށްގެން ވިއްކާނެ އަގު މިމަހުގެ 26 ގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.
ސަރުކާރުގެ ހުރިހާ އިއުލާނަކާއި އިޝްތިހާރެއް ޖަހައިގެން ގެޒެޓް ޝާއިއު ކުރަން ފެށީ 2010 ވަނަ އަހަރު އެވެ.