19 Feb 2013, 12:02
ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާ ހެލިކަޕްޓަރު ޑީލް ކެންސަލްކުރުމުގެ ޕްރޮސެސް ފަށާފައިވާ ކަމަށް އިންޑިއާ އިން ބުނެފައިވަނިކޮށް، ފިންމެކޭނިކާގެ ސަބްސިޑައިރީ އޮގަސްޓާ-ވެސްޓްލެންޑުން އެކަން ދޮގުކޮށްފި އެވެ.
އިންޑިއާގެ ރައީސާއި، ބޮޑުވަޒީރު އަދި އެހެނިހެން ވީވީއައިޕީ އިން އުފުލުމަށް އިންޑިއާ އަށް ގަތުމަށް އިއުލާންކުރި 12 ހެލިކަޕްޓަރުގެ ޑީލްގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާ އިރު، އިޓަލީއިން ވަނީ ހެލިކަޕްޓަރު ޑީލް ކާމިޔާބުކުރި އިޓަލީގެ ކުންފުނި ފިންމެކޭނިކާ އިން އިންޑިއާގެ އޮފިޝަލުންނަށް ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީ އިން މިދިޔަ ހުކުރު ދުވަހު ބުނެފައި ވަނީ 750 މިލިއަން އެމެރިކާ ޑޮލަރުގެ ހެލިކަޕްޓަރު ޑީލް ކެންސަލްކުރުމަށް ސިޓީ ފޮނުވާފައި ވާނެ ކަމަށާއި، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެއަށް ޖަވާބެއް ލިބޭނެ ކަމަށެވެ.
އެހެން ނަމަވެސް ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި އޮގަސްޓާ-ވެސްޓްލެންޑުގެ އޮފިޝަލެއް ވިދާޅުވީ އިންޑިއާ އިން ހެލިކަޕްޓަރު އެއްބަސްވުން އުވާލަން އެދިފައިނުވާ ކަމަށާއި އިންޑިއާ އިން އެދިފައި ވަނީ ހަތް ދުވަހުގެ ތެރޭގައި އެއެއްބަސްވުމާ ބެހޭ ހުރިހާ ލިޔެކިޔުމެއް އިންޑިއާ އާ ހަވާލުކުރަން ކަމަށެވެ.
އަދި ހަތް ދުވަހުގެ ތެރޭގައި އިންޑިއާ އިން އެދިފައިވާ މައުލޫމާތު އެގައުމާ ހަވާލުކުރާނެ ކަމަށް ވެސް އޮގަސްޓާ-ވެސްޓްލެންޑުން ބުނެ އެވެ.
ހެލިކަޕްޓަރު ޑީލު ކާމިޔާބުކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިންގާފައިވާކަން ފަޅާ އަރާފައި ވަނީ އިޓަލީވިލާތުން ހިންގި ތަހުގީގަކަށް ފަހު، ބީލަން ކާމިޔާބުކުރުމުގައި ބޭރު ގައުމުތަކުގެ އޮފިޝަލުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ފިންމެކޭނިކާގެ ސީއީއޯ ޖިއުސެއްޕޭ އޯރުސީ ހައްޔަރުކުރުމުންނެވެ.
އިންޑިއާގެ މީޑިއާ އިން ހެލިކަޕްޓަރު ޑީލުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ރިޕޯޓުކުރުމާ އެކު، އިންޑިއާގެ ޑިފެންސް މިނިސްޓްރީ އިން ވަނީ ފިންމެކޭނިކާ އަށް ދައްކަން ޖެހޭ ޕޭމަންޓުތައް ހިފަހައްޓާފަ އެވެ.
ހަތް ސަތޭކަ ފަންސާސް މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އޭޑަބްލިޔު-101 މަރުކާގެ 12 ހެލިކަޕްޓަރު ގަތުމަށް އިންޑިއާ އިން ފިންމެކޭނިއާ އެކު އެއްބަސްވެފައިވާ އިރު، މިހާތަނަށް މީގެ ތެރެއިން ތިން ހެލިކަޕްޓަރު ވަނީ އިންޑިއާ އާ ހަވާލުކޮށްފަ އެވެ.