ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ގދ. ތިނަދޫ ގްރީން ލީފް މުހައްމަދު ހިލާލް އެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލެއް ހިންގި ކަމުގެ ކަމަށް ތުހުމަތު ކުރެވޭތީ އާއި ކުޑަކުއްޖަކަށް ޖިންސީ އަމަލު ހިންގުމަށް ހިތްވަރު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

އޭނާ ހައްޔަރު ކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފަ އެވެ.

ބަންދުގެ މުއްދަތު އިތުރުކޮށްދީފައި ވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހިލާލު އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކަމަށް ނިންމާފަ އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުން ދޫކޮށްލަން ނުފެންނާތީ ކަމަށް ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރި އަމުރުގައިވެ އެވެ.

ހިލާލަކީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ތިނަދޫ ދާއިރާ އަށް ކުރިމަތިލެއްވި މީހެކެވެ.