19 Feb 2013, 11:37
ވިލާ ކޮލެޖުން މިއަހަރު ޖެނުއަރީ މަހު ބޭއްވި އޯޕަންޑޭގައި ހުޅުވާލި ލަކީޑްރޯގައި އަށް ކުދިންނަށް 1.5 މިލިޔަން ރުފިޔާގެ ސްކޮލާޝިޕް ދީފި އެވެ.
ވިލާކޮލެޖް ހޯލުގައި އިއްޔެ ބޭއްވި ހަފްލާގައި ގައި އޯޕަންޑޭގެ ލަކީޑްރޯއިން ސްކޯލާޝިޕް ލިބުނު ކުދިންނަށް ލިޔުން ހަވާލު ކޮށްދެއްވީ ވިލާކޮލެޖްގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އެވެ.
މާލޭގައި ހުންނަ ވިލާ ކޮލެޖްގެ ކިއު، އައި ކެންޕަހުގައި ބޭއްވި އޯޕަންޑޭގައި ފަސް ކުދިންނަށް ސްކޮލާޝިޕްގެ ފުރުސަތު ލިބިފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ. އަދި ވިލާ ކޮލެޖްގެ އަތޮޅުތެރޭގެ ކެންޕަސްތައް ކަމަށްވާ ފުވައްމުލަކު ކެންޕަސް، އޭދަފުށީ ކެންޕަސް، އަދި ށ. ފުނަދޫގައި ހުންނަ ލޭކް ސައިޑް ކެންޕަސް ތަކުގައި ބޭއްވި ލަކީޑްރޯއިން ކޮންމެ ކެންޕަހަކުން ވެސް އެއް ކުއްޖަކަށް ސްކޮލަޝިޕް ލިބިފައި ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.
ސަން އޮން ލައިން އަށް މައުލޫމާތު ދެއްވަމުން ވިލާ ކޮލެޖްގެ ފަރާތުން ނިޒްނާ އަލިދީދީ މިއަދު ވިދާޅުވީ ސްކޮލަޝިޕް ލިބުނު ހުރިހައި ކުދިން ވެސް އެ ކުދިންގެ ކޯސް ފީގެ ހުރިހައި ހަރަދެއް ކޯސް ފެށިގެން ނިމެންދެން ވިލާ ކޮލެޖުން ހަމަޖައްސައިދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ކުއްޖަކަށް ވެސް މާސްޓާސްއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒްނާ އިތުރަށް ވިދާޅުވީ ސްކޮލަޝިޕް ލިބުނު ކުދިން މީގެ ކުރިން ކޮލެޖަށް ދައްކާފައިވާ ކޯސްފީ އެ ކުދިންނަށް އަނބުރާ ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.