ޅ. ހިންނަވަރު ގެއެއްގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ހިންނަވަރު ބިޖިލީގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލައިފައި ވަނީ އެރަށު ލަކީ ނިހާދު މުހައްމަދުގެ މައްޗަށް ކަމަށެވެ.

އޭނާ ވިދާޅުވީ ނިހާދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ 11:30 އެހައިކަންހާއިރު ބިޖިލީގޭގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލިސް ބާއްވަން މިއަދު ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކުރިނަމަވެސް އޭނާ ހާޒިރުނުވާތީ ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.

މަނިކު ވިދާޅުވީ ނިހާދު ޝަރީއަތަށް ހާޒިރު ނުކުރެވިގެން އުޅެނީ އޭނާ އުޅޭ ވަކިތަނެއް ނޭގޭތީ ކަމަށާއި ފުލުހުންނަށް ވެސް އޭނާ އަދި ހޯދިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ކޯޓަށް ހާޒިރުކޮށް އެ މައްސަލައިގެ ޝަރީއަތް ވީހަވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކޯޓުން ކުރަމުން ގެންދާ ކަމަށެވެ.

ހިންނަވަރު ކައުންސިލް މެންބަރަކު މިއަދު ވިދާޅުވީ އެގޭގައި ރޯކޮށްލުމުގެ ސަބަބުން ބޭނުން ނުކުރެވޭވަރަށް އަނދާފައި ވާކަމަށެވެ. އަދި ރޯކޮށްލި އިރު އެގޭގެ މީހުން ދިރިއުޅެމުންދިޔައީ މާލޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ހަފްތާއެއްގެ ކުރިން ނިހާދު އެރަށުގައި އުޅުނު ކަމަށެވެ. އަދި އޭނާ ކޯޓަށް ހާޒިރު ނުކުރެވިގެން އުޅޭ ކަމުގެ މައުލޫމަތު އެއްވެސް އިދާރާއަކުން ކައުންސިލަށް އަންގާފައި ނުވާކަމަށް ވެސް ވިދާޅުވި އެވެ.